ކުއަލަލަމްޕޫރު (15 އޮގަސްޓް)- މަގާމުން އިސްތިއުފާ ދެއްވުމަށް ސިޔާސީ އެކި ފަރާތްތަކުން ކުރަމުން ގެންދިޔަ ޕްރެޝަރާ ހެދި ގޮތް ހުސްވުމުން، މެލޭޝިއާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން އެންމެ ފަހުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މެލޭޝިއާގެ ނޫހެއް ކަމަށްވާ "މެލޭޝިއާ ކިނީ"ގައި ބޮޑުވަޒީރު އޮފީހުގެ މިނިސްޓަރު މުހައްމަދު ރިޒުއާން މުހައްމަދު ޔޫސުފްއާ ހަވާލާދީ ބުނެފައި ވަނީ މުހުޔިއްދީން އިސްތިއުފާ ދެއްވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ކެބިނެޓް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރަސްގެފާނަށް ސިޓީ ހުށަހެޅުއްވުމަށް ނިންމެވިއިރު، ސަރުކާރު ހިފެއްޓުމަށް ކުރި ހުރިހާ މަސައްކަތެއް ފެއިލްވިކަން މުހުޔިއްދީންގެ ޕާޓީގެ މެމްބަރުންނަށް ވެސް އަންގާފައިވެ އެވެ.

މުހުޔިއްދީން ބޮޑުވަޒީރުކަމުގެ މަގާމާ މިދިޔަ އަހަރުގެ މާޗް މަހު ހަވާލުވި ފަހުން މަގާމު ދަމަހައްޓާފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވަރަށް ހަނި އަޣުލަބިއްޔެއް ލިބިގެންނެވެ. އަދި އިސްތިއުފާ ދެއްވުމަށް މަޖުބޫރުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ގެ ތައީދު އަނބުރާ ގެންދިއުމުންނެވެ.

އަމްނޯގެ ތާއީދު އަނބުރާ ގެންދިއުމުން މުހުޔިއްދީން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދު އެބައޮތް ކަމަށާއި ނޯ ކޮންފިޑެންސް ވޯޓެއް ވެސް ފާހެއް ނުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް މަގާމުގައި ދެމިހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު މުހުޔިއްދީން ވަނީ މަޖިލީހުގެ މެޖޯރިޓީ ނެތް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އިދިިކޮޅު ޕާޓީތަކުން ހުށަހެޅި ގޮތަށް ސިޔާސީ ކަންކަމަށާއި އިންތިހާބީ ނިޒާމަށް އިސްލާހު ގެންނަން ވެސް ނިންމެވި އެވެ. އެކަމަކު މުހުޔިއްދީންގެ އެ ނިންވުން އިދިކޮޅު ޕާޓީތަކުން ފަހުން ނިންމީ ބަލައިނުގަންނަ ގޮތަށެވެ. -- ރޮއިޓާސް