ބޮލީވުޑްގެ މަޝްހޫރު ސުޕަ ސްޓާރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އޭނާގެ ފިލްމީ ކެރިއަރުގެ ފުރަތަމަ މަސައްކަތަށް ތައްޔާރުވާން ފަށައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން މި ހަބަރު ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ފިލްމީ ދާއިރާއަށް ސުހާނާ ނެރެނީ ޒޯޔާ އަކްތަރް ކަމަށް މިހާރު ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން ޒޯޔާ އަކްތަރް އަންނަނީ މަޝްހޫރު އިންޓަނޭޝަނަލް ކޮމިކް ފޮތެއްކަމަށްވާ "އާޗީ"ގެ އިންޑިއަން އެޑަޕްޓޭޝަނެއް ހެދުމުގެ މަސައްކަތްކުރަމުން އެވެ. ސުހާނާއަކީ މި ފިލްމުގެ ލީޑްރޯލަކަށް ފުރަތަމަ ޝޯޓްލިސްޓު ކޮށްފައިވާ ފަންނާނު ކަމަށް ވަނީ ހާމަވެފަ އެވެ.

ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ވަނީ އޭނާގެ ދަރިންގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން ޝާހް ބުނީ އޭނާގެ އަންހެން ދަރިފުޅު ސުހާނާ ބޭނުން ވަނީ އެކްޓްރެސްއަކަށް ވާން ކަމަށާއި ފިރިހެން ބޮޑު ދަރިފުޅު ބޭނުންވަނީ ފިލްމް ޕްރޮޑިއުސަރަކަށް ވުމަށް ކަމަށެވެ.