އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައިސް އަތްގަދަ ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާދޭން ތާލިބާން ހަނގުރާމަވެރި ޖަމާއަތުން ބޭނުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އިންޑިއާގެ "ޓައިމްސް ނައު" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ތާލިބާނުން އަފްގާނިސްތާނު ހިފުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި އެގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން އަފްގާނިސްތާނަށް ގެނައި މި ބަދަލަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މި ބަދަލާއެކު ތާލިބާން ޖަމާއަތަށް މީހުން ތަމްރީނުކޮށް އަދި ހަމަލާތައް ރޭވުމަށް މަގުފަހިވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން އެ ޖަމާއަތުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާދޭން ފަސްނުޖެހޭނެކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ރާއްޖެ އާއި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނު ފަދަ ގައުމުތަކަށް ހަމަލާދޭން ތާލިބާނުން ބޭނުންވާނެ ކަމަށާއި އެކަން ކުރުމަށް އެ ޖަމާއަތަށް މިހާރު މަގު ތަނަސްވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންބޮޑުވުން އޮތް މި މައްސަލާގައި އިންޑިއާގެ ދައުރު ފުޅާކުރަންޖެހޭ ކަމަށާއި އެގޮތުން އަސްކަރީ ބާރުގެ ބޭނުންނުކޮށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަަމަލާއަށްފަހު ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްތާނިސްތާނުގެ ގެންދިޔުމާ ގުޅިގެން އެކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފަ އެވެ.