ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު ފަހެއް އަދި ހަ ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މިއަދު ފަސް ވަނަ ޓަވަރާއި ހަ ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ހާޒިރުވުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިއްޔެ ކަރަންޓު ދިނުމަށް ނިންމާފައިވާ ހިޔާފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

އެޗްޑީސީން ބުނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އަކުން ހަވީރު 5 އަކަށް ކުރިޔަށްދާނެ ކަމަށެވެ.

އެ މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.