މިސަރުކާރުން އައްޑޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތައް އެ އަތޮޅުން ހޯދައި ހޯދާ ނުފެނުނު ކަމަށް ރައްޔިތުގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ސޯލިހު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި އަތޮޅުގައި ދަތުރުކުރި އިރު ވެސް އައްޑޫގައި ހިނގާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހިނގާތަނެއް ނުފެނުނު ކަމަށެވެ.

އަދި 40 ބިލިޔަން ބަޖެޓްގައި އައްޑޫއަށް ވަޢުދުވި ކަންކަމާއި، އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭންބުނި އެއްވެސް ކަމެއް ތަންފީޒު ވާތަނެއް ނުފެނުނު ކަމަށާއި ރައްޔިތުންގެ އިތުބާރު މިސަރުކާރަކަށް މިހާރު ނެތްކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރައީސް ސޯލިހު އައްޑޫ ސިޓީގައި ކުރިއަށް ދާކަމަށް ވިދާޅުވި، 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތް ކޮށްފިން! 40 ބިލިޔަން ބަޖެޓްގައި އައްޑޫއަށް ވަޢުދުވި ކަންކަމާއި، އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭންބުނި އެއްވެސް ކަމެއް ތަންފީޒު ވާތަނެއް ނުފެނުނު. ރައްޔިތުންގެ އިތުބާރު މިސަރުކާރަކަށް ނެތް،" ސައީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އައްޑޫއަކީ އާބާދީ ބޮޑު ސަރަހައްދަކަށް ވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެ ކަމުގަ އެވެ.

އައްޑޫއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާ ދަތުރުގައި، އެސިޓީގެ ރަށްތަކަށް ޕްރޮގްރެސިވް ކޯލިޝަންގެ ޓީމުން ދަނީ ޒިޔާރަތްކުރަމުންނެވެ.