އެއީ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ކަޅު ދުވަސް ކަމަށް މާހިރުން ބުނެ އެވެ. ވީގޮތެއް ނޭނގި ގެއްލުނު ފުރާނަތަކާއެކު މުޅި ދުނިޔެއަށް ސިހުން ގެނުވި ދުވަހަކަށް ވުމުންނެވެ. އެއީ 1980 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހެވެ.

އެ ދުވަހު ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ސައުދީ އަރަބިޔާގެ ރިޔާދަށް ދިއުމަށް ދަތުރުކުރި އެ ފުލައިޓްގެ ކެބިން ތެރޭގައި އަލިފާން ރޯވީ އެއްވެސް ކަހަލަ އިންޒާރަކާ ނުލަ އެވެ. އެކަމުގެ ސަބަބުން ބޯޓު އެމަޖެންސީ ލޭންޑިންއެއްގައި ޖެއްސީ ޖިއްދާ އެއާޕޯޓަށެވެ.

ކާމިޔާބުކަމާއެކު އެ މަޖެންސީކޮށް ބޯޓު ޖެއްސިކަމުގައި ވީ ނަމަވެސް ހައިރާންވި ކަމަކީ ބޯޓުގެ ދޮރުތައް ހުޅުވިއިރު ބޯޓުން ދަތުރުކުރި އެންމެން މަރުވެފައި ތިބުމެވެ. ޖުމްލަ 287 ފަސިންޖަރުންނާއި 14 ކްރޫންނާއެކު ދަތުރުކުރި ބޯޓުން އެއްވެސް މީހަކު ސަލާމަތްވެފަ އެއް ނުވެ އެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ވެސް ހިމެނެ އެވެ.

ސައޫދީ އެއާލައިންގެ އެ ބޯޓު ޖައްސަން އައިއިރު ޖިއްދާ އެއާޕޯޓުގެ ކެމެރާތަކުން ބޯޓުގައި ރޯވެފައި ހުރިކަމެއް ނުވަތަ އެކަމުގެ ނިޝާނެއް ވެސް ފެންނަށް ނެތުމަކީ މި ހާދިސާގެ ހަގީގަތް އިތުރަށް އޮޅުނު ކަމެކެވެ.

މަރުވި މީހުންގެ އޮޓޮޕްސީން ދައްކާ ގޮތުގައި އެ ހުރިހާ މީހުން ވެސް މަރުވީ ނޭވާލާ ނިޒާމުގެ ތެރެއަށް ދުން އެތެރެވެގެންނެވެ. މި ހާދިސާގައި ފިހިގެން އެއްވެސް މީހަކު މަރުވި ކަމަކަށް އެއްވެސް ސިއްހީ ރިޕޯޓަކުން ދައްކާފައެއް ނުވެ އެވެ. މިކަމުން އަންގައިދެނީ ފްލައިޓް ޖެއްސުމުގެ ގިނަ އިރުތަކެއް ކުރިން ވެސް އެންމެން މަރުވެފައިވާ ކަމެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ކުރެވުނު ތަހުގީގުތަކުން ތުހުމަތު އެނގުނު ގޮތުގައި ބޯޓުން ދަތުރުކުރި އެންމެން މަރުވާން މެދުވެރިވީ ޕައިލެޓް ކުރޫންނަށް ހެދުނު ގޯހަކުންނެވެ. ވަގުތު އޮއްވައި ބޯޓުން މީހުން ހުސްކުރަން ނުނިންމުންނެވެ.

މިއަދާ ހަމައަށް ވެސް މި ހާދިސާއަކީ ދުނިޔޭގެ ތާރީހުގައި ވެސް ވައިގެ ދަތުރު ފަތުރުގެ އެންމެ ހިތާމަވެރި ހާދިސާ އެވެ.

އެ ފްލައިޓުގައި ކަން ހިނގި ގޮތުގެ އަސްލު އަދިވެސް ނޭނގުމެއްގެ ތެރޭގައި ވާއިރު، މިކަމުގެ ހަގީގަތް ވަނީ މަރުވި މީހުންނާއެކު ފަސްލައި ވަޅުލެވިފަ އެވެ.