މަޝްހޫރު ރަޝިއަން މޮޑެލް އަދި އެކްޓްރެސް އެލެކްޒެންޑްރާ ޖާވީ މަރުވެފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނިއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެލެކްޒެންޑްރާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އިންޑިއާގެ ގޯއާގައި ހުންނަ ކުއްޔަށްދޭ ގެއެއްގެ ތެރެއިންނެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ހުރީ އެ ގޭގެތެރޭގައި ދަންޖެހިފަ އެވެ.
ޓެމިލް ފިލްމެއް ކަމަށްވާ "ކާންޗަނާ 3" ގައި އޮވިޔާ، ވޭދިކާ އަދި ނިކީ ތަންބޯލީއާއެކު ފެނިފައިވާ އެލެކްޒެންޑްރާ ދިރިއުޅެމުންގެން ދިޔައީ އޭނާގެ ލޯބިވެރިޔާ އާއެކު ކަމަށްވެ އެވެ.
މި މަރުގެ ތަހުގީގު ދަނީ ކުރިޔަށް ކަމަށާއި އެލެކްޒެންޑްރާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދެން އަންނަނީ އެލެކްޒެންޑްރާގެ އާއިލާއިން އެ ކަމަށް އެއްބާރުލުން ދިނުމުން ކަމަށް ވެ އެވެ.
2019 ވަނަ އަހަރު އެލެކްޒެންޑްރާ ވަނީ ޗެންނާއީގެ ފޮޓޯގްރާފަރެއްގެ މައްޗަށް ބްލެކްމެއިލް ކުރާ ކަމަށާއި ޖިންސީ ފުރައްސާރަކުރާ ކަމުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.
އެލެކްޒެންޑްރާގެ މަރުގެ ތަހުގީގު ޗެންނާއީ ފުލުހުންނާއި ގޯއާ ފުލުހުން ގުޅިގެން ކުރިޔަށްދާއިރު މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.