ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ހުއްދަޔާއެކު މިހާރު ފެށޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފްލެޓްތަކަށް ކަރަންޓްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް މިހާރުން ފެށިގެން އެޗްޑީސީގެ ހުއްދައާއެކު ފްލެޓުގައި ފިނިޝިން މަސައްކަތް ކުރުމާ ތަކެތި ވެއްދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ފްލެޓްގައި ފިނިޝިން މަސައްކަތް ކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، އެކަމަށް ހިޔާ ޕޯޓަލް މެދުވެރިކޮށް "ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުން ފްލެޓްގެ ފިނިޝިން މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ރަސްމީ ގަޑީގައި އެ ކުންފުނީގެ ރިސެޕްޝަނަށް ވެސް ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެއިތުރުން އެ ކޯޕަރޭޝަންގެ މެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ "ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ޕްރޮސެސްވުމުން ފްލެޓްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އަދި ހުއްދަ ލިބުމަށްފަހު އެ ލިބިފައިވާ ހުއްދައާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަންވާނީ "ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު" އާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މަސައްކަތް ކުރުމަށް ލިބިފައިވާ ހުއްދައިގެ ކޮޕީ ނުވަތަ ކިއުއާރު ކޯޑް އެޕާޓްމަންޓް ދޮރުގައި ފެންނާނެ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ހުއްދައާ ނުލާ މަސައްކަތް ފެށުމަކީ މަނާކަމެއް ކަމަށާ މިފަދަ ފަރާތްތަކާ މެދު އެގްރީމަންޓްގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ފިޔަވަޅު އެޅޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ހުއްދަ ލިބިގެން މަސައްކަތް ކުރިޔަށް ގެންދޭތޯ ބެލުމަށްޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުން އެޕާޓްމަންޓަށް ޒިޔާރަތްކޮށް ބަލާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ ދޫކުރި ހުއްދައާ ހިލާފަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ފިޔަޅު ވެސް އަޅާނެ ކަމަށެވެ.

އެ ކޯޕަރޭޝަން އިން ވަނީ ހިޔާފްލެޓްގައި ފިނިޝިން މަސައްކަތް ކުރާއިރު "ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު" އާއި އެއްގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ފްލެޓް އިމާރާތަކީ އެއް އިމާރާތެއް ކަމަށާ މަސައްކަތް ކުރުމުގައި ވާ އިހުމާލެއްގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗާއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ މަސައްކަތް ކުރުމުގައި ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.