ރަހީނުކޮށް، 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ޒިހާންގެ މައްޗަށް މަރުގެ ދައުވާއެއް ހިމެނޭ ގޮތަށް 13 ދައުވާއެއް ކޮށްފައިވާއިރު އޭނާގެ ޝަރީއަތުގެ އަޑުއެހެން އޮތީ މިއަދު ހެނދުނު 11:00 ގަ އެވެ.
ޒިހާނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ.
އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ބޮޑެތި ޒަހަމުތަކާއެކު 13 އަހަރުގެ ކުއްޖަކު ފޮއްޓަކަށްލާ މޫދަށް އެއްލާލާފައި ވަނިކޮށް ފުލުހުންނަށް ފެނިފައި ވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު އެވެ.
ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ މިކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން ހެކި ނެއްތާލުމަށް މަސައްކަތްކުރިއިރު، އެކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއިއެކު އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން ވަނީ ހައްޔަރުކޮށްފައިވެ އެވެ.