ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އާންމުންގެ ސަމާލުކަމަށް ގެނައި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރުމަށްޓަކައި ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެންއައިސީ އަށް ކުރިމަތިލި ގާސިމްއާ އިންޓަވިއު ކުރުމަށް ފަހު، އޭނާ އެ ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީން އެގޮތަށް ނިންމި ނަމަވެސް، ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެން އަދި ގޮތެއް ނިންމަން ޖެހެ އެވެ.
އެންއައިސީ އިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ. އަދި އެންއައިސީ އިން ހުސްވި އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވީ ގާސިމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފަ އެވެ. އަދި ބީއެމްއެލްގެ އެތެރޭގައި މައުލޫމާތުތައް ލީކްކޮށްލި މައްސަލައިގައި ގާސިމްގެ މައްޗަށް އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
އޭނާ މިނިވަން ވެފައި ވަނީ 2017 ގަ އެވެ.
ގާސިމް މިހާރު ހުންނެވީ މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަންކަމުގެ މަގާމުގަ އެވެ.