އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލައި ތައްޔާރުކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ގިނަބަޔަކަށް ހީވެފައިވަނީ އެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޕެޓިޝަންގައި ސޮއިކުރުމަށް އަންގާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޑީޕީއަކުން ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

"ބައެއް މީހުންނަށް އޮޅޭގޮތް ވަނީ ބަޔަކު ތާކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން އަންގާތީ ކަމަށް ވެސް ވެދާނެ. މިކަން ސާފުކޮށްދިނީތީ ޗެއާޕާސަނަށް ޝުކުރު އަދާކުރަން،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރަސްމީކޮށް އެމްޑީޕީން މަސައްކަތް ކުރާ ނަމަ އެއަށް ވުރެ ވަރުގަދައަށް އެކަން ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީ ތެރެއިން މެމްބަރުންތަކެއް ބޭނުންވެގެން ކުރާ ކަމެއް ކަމަށާއި އެ ކަމުގައި ޕާޓީގެ އެންޑޯސްމެންޓެއް ނޯންނާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދު އޮންނާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ކަމަށް ނަޝީދު ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މިހާތަނަށް އެ ޕެޓިޝަނަށް މިހާތަނަށް މާބޮޑު ތަރުހީބެއް ލިބިފައިނުވެ އެވެ. އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ތެރެއިން ވެސް ޕެޓިޝަނުގައި ސޮއިކުރެއްވީ 14 މެމްބަރުންނެވެ.