ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މާދަމާ ހިޔާ ޓަވަރު 9 އަދި 10 އަކަށް ކަރަންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 9 އަދި 10 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެ ކަމަށެވެ. އެ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ 9 ވަނަ ޓަވަރުން ފްލެޓް ލިބި އެޗްޑީސީއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ކުންފުންޏާއެކު ސޮއި ކޮށްފައިނުވާ ފަރާތްތަކުން މާދަމާ އެކުންފުނީގެ ހުޅުމާލޭ އޮފީހަށް ވަޑައިގެން ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ.

މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.

ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.