މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު މިދިޔަ އަހަރަށް ވުރެ ދަށްވެއްޖެ އެވެ.

އިސްލާމިކު މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ މިހާރުގެ ނިސޯބަކީ 6،878.20 ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން، މި އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހާ ހަމައަށް ނިސޯބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 6،961.50 ރުފިޔާ އެވެ. މިހާރު ކަނޑައެޅި ނިސޯބަކީ މީގެ ކުރިން ކަނޑައަޅާފައިވާ ނިސޯބަށް ވުރެން ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 33.3 މިލިއަން ރުފިޔާ އެވެ.

މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.