ހުދުބަތަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ، އެ އެއްޗަކާ ދުރުވާން ޖެހޭ އެއްޗެކެވެ. ސަބަބެއް ކަމަށްވެފައި އޮންނަނީ ބަތަކީ ކާބޮހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށް ވެފައި ކާބޮހައިޑްރޭޓްސްއަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީސް އިތުރު ކޮށްދޭ މާއްދާއަކަށް ވުމުންނެވެ.
ކާބޮހައިޑްރޭޓްސްގެ އިތުރުން ބަތަކީ ވިޓަމިން އޭ އާއި ފައިބާ ފަދަ ހަށިގަނޑަށް ފައިދާހުރި މާއްދާތަކެއް ވެސް ލިއްބައިދޭ އެއްޗެކެވެ. އެހެންކަމުން ބަރުދަން ލުއިކުރާއިރު ކެއުމުގައި ބަތް ކޮންމެ ވެސް ވަރަކަށް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ.
މިކަމުގައި މުހިއްމު ކަމަކީ ބަތް ބޭނުންކުރާ ގޮތެވެ. ސިއްހަތަށް ފައިދާހުރި ގޮތަކަށް އެކަށީގެންވާ މިންވަރަށް ބަތް ބޭނުންކުރާ ނަމަ ބަރުދަން ލުއިކުރުމަށް ހުރަހެއް ނޭޅޭނެ އެވެ.
އެގޮތުން ބަލާއިރު ބަތް ކައްކަން ބޭނުން ކުރާ އުކުޅަށް ބަލާލަން ޖެހެ އެވެ. ތެޔޮ އަޅައިގެން ކެއްކުމުގެ ބަދަލުގައި ހުސް ފެންފޮދެއްގައި ބަތްކޮޅު ހިންދާލުން ރަނގަޅުވާނެ އެވެ.
މީގެ އިތުރުން ބަތްކާ ކޮންމެ ފަހަރަކު މަދު އެތިކޮޅެއް ކެއުމަކީ މުހިއްމު ކަމެކެވެ. ހަމައެއާއެކު ބަތް ކާނަމަ ކާބޮހައިޑްރޭޓްސް ލިބިދޭ އެހެނިހެން ގޮދަން ކެއުން ހުއްޓާލުން ވެސް އެދެވިގެންވެ އެވެ. އޭގެ ތެރޭގައި ފުށް ހިމެނެ އެވެ.
މި ގޮތުގެ މަތިން ކެއުމުގައި ބަތް ބޭނުން ކުރާނަމަ ބަތް ކެއުން ދޫކޮށްލަން ނުޖެހި ބަރުދަން ލުއިކުރުމުގައި ހާސިލް ކުރަން ބޭނުންވާ އަމާޒު ވެސް ހާސިލް ކުރެވިދާނެ އެވެ.