ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއައިޒެޑްއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މަމިގިލީ އިބޫ)އަށް ލިބުނު ބޮޑު ޒަޚަމްތަކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ މާލޭގައި އޭނާ ދިރިއުޅޭ ގެއަށް ވަންނަން ދަނިކޮށް ކަމަށެވެ. އަދި އެ ތޫނު އެތި ހެރިފައި ވަނީ އޭނާގެ ކޮނޑު ކަށިގަނޑާ ދިމާލަށް ކަމަށްވެ އެވެ.

ފުލުހުން ބުނީ މާލޭގައި ތޫނު އެޗަކުން ދިން ހަމަލާތަކަކާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަން އޭޑީކޭ ހޮސްޕިޓަލަށް މީހަކު ގޮސްފައިވާ ކަމުގެ ރިޕޯޓު ރޭ 10:51 ގައި ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލް ތެރޭގައި ސްޓެރެޗާއަކަށް ލައިގެން ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މައްސަލައާ ބެހޭ ގޮތުން ފުލުހުން މިއަދު ހެނދުނު ބުނީ އިބޫ ވިދާޅުވެފައިވާ ގޮތުގައި "އެ ޒަޚަމް ފާހަގަވެފައި ވަނީ އަންހެނުންނާއެކު ސައިކަލުގައި ދުއްވަނިކޮށް. އަދި އަންހެނުން އަތްދަބަހުގައި ކަޓަރެއް އޮންނާނެ ކަމަށާއި އެ ކަޓަރުން އެކްސިޑެންޓަލީ ލިބިފައިވާ ޒަޚަމެއް ކަމަށް ބެލެވޭ ކަމަށް ވެސް މައުލޫމާތު ދިފައިވޭ،" ކަމަށެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ވެރިފައިކުރުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އިބޫއަށް މީހަކު ހަމަލާ ދިން އިރު، ސ. ހިތަދޫގައި ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

އިންޑަސްޓްރިއަލް ބޭނުންތަކަށް ބިންތައްތައް ދޫކޮށްފައިވާ ތިލަފުށި ހިންގައި ބެލެހެއްޓި ޖީއައިޒެޑްއެލް ދާދިފަހުން ވަނީ އުވާލައިފަ އެވެ. އަދި އެ ކުންފުނި އުވާލުމަށްފަހު ޖީއައިޒެޑްއެލްގެ ބޯޑު ވެސް ވަނީ އުވާލައިފަ އެވެ.

އިބޫއަކީ އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވެސް މެމްބަރެވެ.