ޕާޓީ ނިކަމެތިކޮށް ކުރެވޭ މަސައްކަތްތަކަކީ ދުވަހަކު ވެސް ކާމިޔާބު ވާނެ މަސައްކަތްތަކެއް ނޫން. އަދި އެމަނިކުފާނަކީ މީހަކު ކިޔާ އެއްޗަކަށް "ޗޭ" ވެގެން ދާނެ މީހެއް ނޫން ކަމަށް ގާސިމް ވިދާޅުވި

މިހާރު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތް ކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ ދޫކޮށް ދިޔައީ ކެމްޕެއިން އަށް ކުރި ހަރަދުވެސް ނުދީކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެ ފައިސާ ދައްކާފައި ދިޔަނަމަ ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ރިޔާޒު މަޖިލީހަށް ހޮއްވަވަން ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އޭނާގެ އަނބިކަނބަލުންނާއި ރިޔާޒުގެ އަނބިކަނބަލުންނަކީ ތިމާގެ ދެ ބޭފުޅުން ކަމަށްވެސް ވާތީ ރިޔާޒަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށެވެ. އެގޮތުން ކިނބިދޫ ދާއިރާއިން ރިޔާޒު ހޮވިވަޑައިގަތީ ހަތަރު ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ބޭސްފަރުވާއާއި ސްކޮލާޝިޕަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ޕާޓީ ދޫކޮށް އެ ދިޔައީ ލަދުހަޔާތްކުޑަކަމުން. އެއީ ބޮޑުވަރު. އެ ބޭފުޅުންގެ އިހުސާސެއް ހުރިނަމަ އަމިއްލަ ޒަމީރު ވެސް އެ ބޭފުޅުންނަށް މަލާމާތްކުރާނެ. މި ޕާޓީގައި ތިބިއިރު ނާޒިމާއި ރިޔާޒު ތިބީ ނިދީގެ މަސްތުގައި،" ނާޒިމްއާއި ރިޔާޒަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ ހަވާލުކޮށްދިނުމަށް ރިޔާޒު އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ހިންގޭ ވަރުގެ ލީޑަރަކު އަދި އެމަނިކުފާނު ގައުމާއި ރައްޔިތުންނާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރަށްވުރެ ރަނގަޅު ތަސައްވުރެއް ގެންގުޅުއްވާ "ވިޝަނަރީ" ލީޑަރަކު ނުފެންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅޭގޮތުން ޕާޓީން ވަކިވި ބޭފުޅުންނާއި އެހެން ބޭފުޅުން ދައްކަވާ ވާހަތަކަކީ، އެއްވެސް ސަމާލުކަމެއް ދޭ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް އެޕާޓީން މަސައްކަތްކުރި ހުރިހާ ކޯލިޝަނެއްގައި ވެސް ކޯލިޝަނުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މައްސަލައަކުން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ ނިކަމެތިކޮށް ކުރެވޭ މަސައްކަތްތަކަކީ ދުވަހަކުވެސް ކާމިޔާބު ވާނެ މަސައްކަތްތަކެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ މީހަކު ކިޔާ އެއްޗަކަށް "ޗޭ" ވެގެން ދާނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.