ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ފިޔަވަތީގެ ހާލަތު ކޮންޓްރޯލް ނުވެ، ތަން ހަލަބޮލިވެ، ބައެއް ކުދިން އެމްބިއުލާންސްގައި އެމަޖެންސީގަ ފަރުވާއަށް ގެންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާންމުވެފަ އެވެ.

މި ވީޑިއޯގައި ބުނެފައިވާ ފަދަ ކަމެއް ނުހިނގާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީއިން ކޮށްފައިވާ ޓުވީޓްގައި ބުނެފައިވަނީ މިއަދު ފިޔަވަތީގައި އެއްވެސް "ރައަޓެއް" ހިންގާފައި ނުވާ ކަމަށެވެ. އަދި އާއްމުވެފައިވާ ވީޑިއޯގައި އެމްބިއުލަންސްގައި ގެންދާ ކުއްޖާއަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށާއި، އެ މަންޒަރަކީ އެކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވޭ މަންޒަރު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ވަނީ، ކުދިންނާއި ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ފިޔަވަތީގައި މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު އެތަނުގައި ވަނީ އަލިފާން ވެސް ރޯކޮށްލާފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީން ވެސް ގެންދަނީ ބަލަމުންނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވެގެން ދިޔުމާއި ގުޅިގެން އެތަނުގެ ހާލަތު ބެލުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުގެ ޓީމެއް ވަނީ ފިޔަވަތިއަށް ޒިޔާރަތް ކޮށްފަ އެވެ.

އެހެން ނަމަވެސް މިޒިޔާރަތް ފަހުވެސް ފިޔަވަތިއަށް ހަމަޖެހުމެއް އައިސްފައެއް ނުވެ އެވެ. މިކަމުން ވެސް ދޭހަވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައީސް ސޯލިހުގެ ސަރުކާރުން އިހުމާލުވެފައިވާ މިންވަރެ އެވެ. އަދި ރައްކާތެރިކަމާއި އެހީތެރިކަން އެކުދިންނަށް ނުފޯރުވައިދޭ ކަމެވެ.

ފިޔަވަތިގެ ހިގަމުން އަންނަ ކަންތައްތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީއިން އަންނަނީ އޮޅުވާލަމުންނެވެ.