ޑާކްރެއިން އެންޓަޓެއިންމަންޓުން ހަދާ ކޮމެޑީ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި" ބައިސްކޯފު އެޕްލިކޭޝަނުން ދެއްކުމަށް ހަމަޖެހިއްޖެ އެވެ.

"ގިރިޓީ ލޯބި" ވެބް ސީރީޒަކީ އައިޝަތު ފުއާދު ތައުފީގު އަދި މުހައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ)ގެ އިތުރުން އިތުރުން މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނުތަކެއް ވެސް މި ސީރީޒުން ފެންނާނެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ސީރީޒް އަންނަ ނޮވެމްބަރު މަހު ނުވަތަ ޑިސެމްބަރު މަހު ބައިސްކޯފާ ހަމައަށް އަންނާނެ ކަމަށާއި މި ސީރީޒަކީ 20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ވެބް ސީރީޒެއް ކަމަށެވެ.

"ގިރިޓީ ލޯބި" ސީރީޒްގައި ހިމެނޭ ދެ ލަވައެއް މިހާރު ނެރެފައިވާ މިލަވަތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރު" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ. އަދި މަސައްކަތް ނުފަށާ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެބަހުއްޓެވެ.