ކޮލަމްބޯ (23 ސެޕްޓެމްބަރު) - އޭނާއަށް ލިބިފައިވާ ހާއްސަ ބާރުތަކުން ސްރީލަންކާއާއި އަވަށްޓެރި އިންޑިއާއިން ކޮވިޑް -19 ބަލިމަޑުކަން ނައްތާލެވިދާނެ ކަމަށް ބުނި ސްރީލަންކާގެ ފާދިރީއަކު ކޮވިޑް ޖެހިގެން މަރުވެއްޖެ އެވެ.

އެލިޔަންތަ ވައިޓް، 48 ވަނީ ފާއިތުވެ ދިޔަ ނޮވެމްބަރު މަހު އޭނާ ކިޔަވާފައިވާ ފެން ސްރީލަންކާއާއި އިންޑިއާގެ ކޯރުތަކަށް އެޅުމުން އެ ގައުމުތަކުން ކޮވިޑް ނެތިގެންދާނެ ކަމަށް ދައުވާކޮށްފަ އެވެ.

މި ކަމަށް ސްރީލަންކާގެ އޭރުގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވްންނިއަރައްޗި ހުއްދަ ދީފައިވާ އިރު އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާއަށް ވެސް ވަނީ ކޮވިޑް ޖެހި ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ޖެހިފަ އެވެ.

ވައިޓްއަކީ އޭނާއަށް ލިބިފައިވާ ރޫހާނީ ބާރުތަކުން ބަލިތަކަށް ފަރުވާ ކުރެވޭ ކަމަށް ދައުވާކުރި މީހެކެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު އޭނާގެ ކަކުލުގެ އަނިޔާއަށް ވައިޓްގެ ފަރުވާ ހޯދުމަށްފަހު ސޯޝަލް މީޑިއާގައި އޭނާއަށް ޝުކުރު އަދާކުރުމުން ވައިޓްއަށް ވަނީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފަ އެވެ.

ވައިޓްގެ އާއިލާއިން ބުނި ގޮތުގައި ކޮވިޑް ވެކްސިން ޖެހުމަށް ވައިޓް ވަނީ ދެކޮޅު ހަދާފަ އެވެ. އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު އެވެ.

ވައިޓްގެ ރޫހާނީ ފަރުވާއަކީ ބޮޑު އޮޅުވާލުމެއް ކަމަށް އާޔުރްވެދިކް ބޭސްވެރިން ވެސް ބުނެފައިވާއިރު ޑޮކްޓަރީ ބޭހުން ވެސް އެއީ އިތުބާރު ހިފޭ ބޭހެއް ނޫންކަން ސާބިތު ކޮށްދީފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް