ރާއްޖެއާއި ކުވެއިތުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ކުވޭތުގެ ބޮޑުވަޒީރު ޝައިޚް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހް އާ މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ.ގެ މައި އިދާރާގައި މިއަދުގެ ވަގުތެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފަ އެވެ.

މިގޮތުން ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގަ އާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ދެބޭފުޅުން ވެސް ޝައުގުވެރިކަން ފާޅު ކުރައްވާފައިވެ އެވެ.

މިބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސުލްހައާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި ވިލުންތެރިކަން އިތުރުކުރުމަށް އދ. ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ހަމައެހެންމެ ކުވޭތަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ރާއްޖެއަށް މުހިންމު އެހީތައް ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި އިޖުތިމާއީ ތަރައްގީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫއުތަކެއް ހިންގާފައި ވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ރާއްޖެއިން ކާމިޔާބު ކޮށްފައިވާތީ ކުވޭތުގެ ބޮޑުވަޒީރު މަރުޙަބާ ވިދާޅުވެފައިވާއިރު، މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކުވޭތުގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ދެމިއޮތުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ވެސް ފާހަގަކުރައްވާފަ އެވެ.