ހެލްތު މިނިސްޓްރީގެ ބޭނުމަށް 75 ވެންޓިލޭޓަރު ގެންނަން ފައިސާ ދޫކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުއްދަ ދެއްވީ އެ އެގްރިމަންޓްގައި ސޮއިނުކުރަނީސްކަން ހާމަވެއްޖެ އެވެ.
"ހުރިހާ"އަށް ލިބިފައިވާ ޑޮކިއުމަންޓްތަކެއްގައި 75 ވެންޓިލޭޓަރުގެ އަގުގެ 75 ޕަސެންޓަށްވާ 1.6 މިލިއަން ޑޮލަރު (25.8 މިލިއަން ރުފިޔާ) އެޑްވާންސްކޮށް ދެއްކުމަށް ހެލްތު މިނިސްޓްރީން ހާއްސަ ހުއްދައަކަށް އެދި ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގެ ކޮޕީއެއް ލިބިފައިވެ އެވެ.
އެ ފައިސާ ދެއްކުމުގެ ހުއްދައަށް އެދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް ސޮއިކުރައްވައި އޭޕްރިލް 1 ގައި ފިނޭންސް މިނިސްޓަރު އަމީރަށް ސިޓީއެއް ފޮނުވިއިރު ވެންޓިލޭޓަރުތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިނުކުރެ އެވެ.
ހެލްތު މިނިސްޓްރީން ފޮނުވި ސިޓީގެ ޖަވާބު އެޕްރިލް 1ގައި ފިނޭންސް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
އެ ސިޓީގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ "މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކޮންމެހެން ހޯދަން ޖެހިފައިވާ ވެންޓިލޭޓަރުގެ ޑިމާންޑް ދުނިޔޭގައި އުފުލިފައިވުމާއިއެކު، ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެތަކެތި ލިބޭނެ ގޮތްވޭތޯ ކުރެވުނު މަސައްކަތުން ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ކުންފުންޏެއް ކަމަށްވާ އެކްސެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ލިބިދާނެ ކަމަށް އަންގާފައިވާތީ، އެތަކެތި ގެނައުމަށްޓަކައި ހިނގާ ޖުމްލަ އަގުގެ 75 ޕަސެންޓަށްވާ 1،678،125 ޑޮލަރު ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.67 (ނ)އަށް ރިއާޔަތްކޮށް އެ ކުންފުންޏަށް އެޑްވާންސްކޮށް ދެއްކެވުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ،" މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވި އެ ސިޓީގައި އަމީރު ވިދާޅުވެފައިވެ އެވެ.
އެ ވެންޓިލޭޓަރުގެ މައްސަލަގައިގެ ތަހުގީގު ނިންމުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ސޮއިކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ 13 ވަނަ ދުވަހު ފޮނުވި ބަޔާނުގައި ވަނީ ވެންޓިލޭޓަރު ގެންނަން ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ސޮއިކޮށް ހެލްތު މިނިސްޓްރީއަށް ފޮނުވާފައި ވަނީ އޭޕްރީލް 16، 2020 ގައި ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއަށް 75 ވެންޓިލޭޓަރު ހޯދަން އެ ކުންފުންޏާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައި ވަނީ އޭޕްރިލް 2ގައި ކަމަށް ބަޔާންކޮށްފައި ވިޔަސް، އެއީ ބެކް ޑޭޓެޑްކޮށް ސޮއިކޮށްފައިވާ އެގްރިމަންޓެއްކަން އެނގޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވާ ކަމަށެވެ. އަދި އެ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.3 ގެ ދަށުން ފިނޭންސް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ހޯދަން ބޭނުންވާ މުދަލާއި ހިދުމަތް ހޯދިދާނެ ކަމަށް ފެންނަ ކަމަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އެއްބަސްވުމުގައި ސޮއިކުރާ ހާލަތުގައި ޕާފޯމަންސް ގެރެންޓީއާއި އެޑްވާންސް ޕޭމަންޓް ގެރެންޓީގެ އިޖުރާއަތްތައް ފުރިހަމަ ފުރިހަމަކުރަން ލާޒިމްވާނެ ކަމަށް ނުފެންނަ ކަމަށް ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމާމެދު ގާނޫނީ ގޮތުން އިއުތިރާޒްކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެފައި ވީނަމަވެސް، ޕާފޯމަންސް ގެރެންޓީ އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީގެ އިޖުރާއަތްތައް ކުރިޔަށް ނުގެންދިއުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރުގެ ހުއްދަ ހޯދާފައި ނުވާކަން ފާހަގަކުރެވިގެން، އެފަދަ ހުއްދައެއް ދީފައިނުވާކަން ފިނޭންސް މިނިސްޓަރު އަމީރުގެ އަނގަބަހުން އެނގިފައިވާ ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި މަގާމުން ވަކިކުރަން އެމްޑީޕީގެ ޕްރެޝަރު ބޮޑުވުމުން، ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން ވަނީ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 75 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 25 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ އަނބުރާ ޕީޖީއިން ފޮނުވާލުމުން އޭސީސީއިން މިއަދު ބުނެފައި ވަނީ ޕީޖީއިން ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ފުލުހުންނާ އެކު އަލުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.