ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި މީހުންނަކީ އިސްލާމް ދީނާ ދެކޮޅު ބައެއް ކަމަށް ދައުލަތުން ބުނެފި އެވެ.

ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި އޮތް މިއަދުގެ އަޑުއެހުމަކީ ވެސް ބަންދު މުރާޖައާކުރުމަށް ކުރިއަށް ގެންދިއަ ޝަރީއަތެކެވެ. އެގޮތުން ގާނޫނުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ކުރެވޭ ބަންދުތައް ވެސް 30 ދުވަހުން މުރާޖައާ ކުރަން ޖެހެ އެވެ.

ދައުލަތުގެ ހެކިންގެ މައްޗަށް ނުފޫޒު ފޯރުވާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި، އެ މީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވެދާނެ ފަދަ ހާލަތެއް އައުން އެކަށީގެންވާކަން ފާހަގަކޮށް، ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދިފައިވަނީ ޝަރީއަތް ނިމެންދެން އެ މީހުންގެ ބަންދު ދެމެހެއްޓުމަށެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެ އަށް މީހުންނަކީ އިސްލާމް ދީނާ ދެކޮޅު ބައެއް ކަމަށް ކުރި ތުހުމަތާ ގުޅިގެން، ދިފާއީ ވަކީލުން ވަނީ ވަރަށް ބޮޑަށް މިކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

މިގޮތުން ދައުލަތުގެ ވަކީލް އަހްމަދު މަމްދޫހް ވަނީ އެ މީހުންގެ ފަރާތުން ފެނިފައިވާ އަމަލުތަކަކީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މީހުން ގަބޫލުކުރާ އުސޫލްތައް ދިމާވަނީ އިސްލާމްދީނާ ހިލާފުވާ އުސޫލްތަކަކަށް ކަމަށާއި، އެއީ ދީނާ ދެކޮޅު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ދެކޮޅުހަދައި ދިފާއުގައި ވަކާލާތުކުރާ އިބްރާހީމް ލޫތާއި އަހްޝަން މުހައްމަދުގެ ވަކީލް މުހައްމަދު ރާގިބް އަހްމަދު ވިދާޅުވީ، އިސްލާމް ދީން ގަބޫލުކޮށްގެން ތިބި ބަޔަކާ ދިމާލަށް އެފަދަ މޭރުމުން "އިސްލާމުން ނޫން" ކަމަށް ބުނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އެފަދައިން އެހެން ބުނެވިގެން ނުވާނެ ކަމަށެވެ.

ނަމަވެސް އެއަށް ރައްދުދެއްވަމުން ވަކީލް އަހްމަދު މަމްދޫހް ވިދާޅުވީ އިސްލާމެއް ނޫން ކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހައްޔަރު ކުރެވިފައިވާ މީހުން ކޮށްފައިވާ އަމަލުތަކަކީ އިސްލާމް ދީނާ ދެކޮޅު އަމަލެއް ކަމަށެވެ.

ދައުލަތުން މިފަދައިން ބުނުމާ ގުޅިގެން އިބްރާހީމް ލޫތާއި އަހްޝަން މުހައްމަދުގެ ވަކީލް ރާގިބްގެ އިތުރުން މުހައްމަދު އާސިރުގެ ގާނޫނީ ވަކީލު އިބްރާހީމް ޒާހިރު އާއި އަލީ މުނީޒްގެ ގާނޫނީ ވަކީލް އާދަމް ޝަމީމް އާއި އަބްދުﷲ އިމާދުގެ ގާނޫނީ ވަކީލް މުހައްމަދު ވިޝާމް ވެސް ވަނީ އިސްލާމްދީން ގަބޫލުކުރާ ބަޔަކާއި ދިމާލަށް އެފަދައިން ބުނުން ކުށްވެރި ކުރައްވާފަ އެވެ.

އެ ކަމާ ގުޅިގެން ގާޒީ އާދަމް އަލީ ވެސް ވަނީ އެއްވެސް މީހަކާ ދިމާއަށް އެއީ ދީނާ ދެކޮޅު ބަޔެއް ކަމަށް ކަނޑައަޅައިގެން އެ ފަދައިން ހާމަކަންބޮޑު ގޮތެއްގައި އެއްވެސް ފަރާތަކުން ޝަރީއަތުގައި ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.