އިބްރާހިމް އާގިލް، މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ގދ. ފަރެސްމާތޮޑާ، ކޮކާ، އާގިލް މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާއިރު، މި މައްސަލަ ބެލުމަށް އަޑުއެހުމެއް ތާވަުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށްށެވެ.

އޮގަސްޓް 31، 2018 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މި ޒުވާނާ މަރާލާފައިވާއިރު، އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އެރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.

މި މައްސަލައަށް ތިން އަހަރަށް ދިގުލައިގެން ދިއުމާއި ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ ތިންވަނަ ދުވަހާއި 17 ވަނަ ދުވަހުގެ އިތުރުން އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އަޑު އެހުންތައް ބާއްވަން ތާވަލްކޮށްފަ އެވެ. އަދި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު މި މައްސަލައިގައި ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ.

އާގިލްގެ މަރުގެ މައްސަލައާއި ގުޅިިގެން ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ހިޔާ ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމް އެވެ.

މިގޮތުން ހަމްދޫން އާއި މިޖުވާދު މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ވިޝާމްގެ މައްޗަށް، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.