ލަންޑަން (15 އޮކްޓޯބަރު) - އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ވިންގަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށްވާ ޑޭވިޑް އަމެސްއަށް ވަޅިއަކުން ހަމަލާދީ އަވަހާރަ ކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ވެސްޓް ޔޮކްޝިއާގައި ހުންނަ ލައިބްރަރީއެއްގެ ކުރިމަތީގައި އިއްޔެގެ ވަގުތެއްގަ އެވެ. ޑޭވިޑް އަވަހާރަ ވެފައިވަނީ ލިބުނު ޒަހަމްތަކަށް އަވަސް ފަރުވާ ދެވެމުން ދަނިކޮށް އެ ތަނުގައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

މި ހަމަލާއާ ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ ތަހުގީގީ ޓީމެއް ހަމަލާ ތަހުގީގު ކުރަމުން ދާއިރު 25 އަހަރުގެ މީހަކު މިހާތަނަށް ހައްޔަރު ކުރެވި ހަމަލާ ދިނުމަށް ކަމަށް ފުލުހުން ބުނެ އެވެ. އިނގިރޭސި ވިލާތުގެ ސަރުކާރު މަސްދަރަކުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި ޑޭވިޑްއަށް ހަމަލާ ދީފައިވަނީ ސޯމާލިއާ ނަސްލުގެ އިނގިރޭސި ރައްޔިތެކެވެ.

އުމުރުން 69 އަހަރުގެ ޑޭވިޑްއަކީ 1983 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕާލިމެންޓްގެ މެމްބަރެކެވެ. މަޖިލީހުގައި އިނގިރޭސި ވިލާތުގެ ސައުތުހެންޑް ވެސްޓް ތަމްސީލު ކުރަމުން ގެންދެވި ޑޭވިޑް އަވަހާރަވި އިރު ފަސް ކުދިންނާއި އަނތްބަކު ހުރެ އެވެ. އޭނާއަކީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެގައުމުގައި އަވަހާރަ ކޮށްލެވުނު ދެވަނަ ޕާލިމެންޓް މެމްބަރެވެ.

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ޑޭވިޑް އަވަހާރަ ވުމާ ގުޅިގެން ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި މިއީ އެގައުމުގެ ޑިމޮކްރަސީއަށް ދެވުނު ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.

ޑޭވިޑްއާއެކު މަސައްކަތް ކުރެއްވި މެމްބަރުން ވިދާޅުވާ ގޮތުގައި އޭނާއަކީ ހިތްތިރި އަދި މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. އަދި ޕާހިމެންޓްގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވި ހިދުމަތްތެރި އެކެވެ.

ޑޭވިޑްއަށް އަމާޒުކޮށް ދެވުނު ހަމަލާއާއެކު އިނގިރޭޑި ވިލާތުގެ މަޖިލިސް މެމްބަރުންނަށް ދެވިފައިވާ ރައްކާތެރިކަން އިތުރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. – ބީބީސީ