ބެއިޖިންގް (18 އޮކްޓޯބަރު) - ދަރިންގެ ގޯސް އަހުލާގަށް އަދި 18 އަހަރުން ދަށުގެ އުމުރުގައި އަރައިގަންނަ ކުށްތަކަށް އެކުދިންގެ މައިންބަފައިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނެއް ހަދައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅައިފި އެވެ.
މި ގާނޫނުގައިވާ ގޮތުން ބެލެނިވެރިންގެ ބެލުމުގެ ދަށުގައިވާ ދަރިންގެ އަހުލާގު ގޯސް ކަމަށް ދައުލަތުގެ ވަކީލުންނަށް ގަބޫލު ކުރެވިއްޖެ ނަމަ ގާނޫނުގެ ދަށުން އެ ބެލެނިވެރިންނަށް ފެމިލީ އެޑިއުކޭޝަން ގައިޑެންސް ޕްރޮގްރާމުތަކެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މިއީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތް އުނގަންނައިދޭ ޕްރޮގްރާމްތަކެކެވެ.
"ދަރިންގެ އަހުލާގު ގޯސްވާ މައިގަނޑު އެއް ސަބަބަކީ އެދެވިގެންވާ ވަރަށް ތަރުބިއްޔަތު ނުލިބި ނުބެލެހެއްޓުން،" ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ލެޖިސްޓޭޓިވް އެފެއާސް ކޮމިޝަންގެ ތެރުޖަމާނު ޒެންގް ޓިއޭވީ ވިދާޅުވި އެވެ.
މި ގާނޫނު މިހަފްތާ ތެރޭގައި އެޕާޓީގެ ކައުންސިލް ކޮމެޓީގައި މަޝްވަރާ ކުރެވޭއިރު މި ގާނޫނުގައި ދަރިން ކުޅޭނެ ވަގުތާއި ކިޔަވާނެ ވަގުތު ވަކިން ކަނޑައެޅުމަށް މައިންބަފައިންނަށް ލާޒިމް ކުރެ އެވެ.
މީި ގާނޫނުގެ އިތުރުން ވެސް ޗައިނާގެ ސަރުކާރުން ވަނީ ފާއިތުވި ތަނުގައި ދަރިން ތެރުބިއްޔަތު ކުރުމާ ބެހޭ ގޮތުން ގާނޫނުތަކެއް ފާސްކޮށްފަ އެވެ. އެގޮތުން އޮންލައިން ގޭމް ކުޅެވޭނެ މިންވަރެއް ކަނޑައަޅައި ސޯޝަލް އިންފްލުއެންސާސްގެ ކަންކަން ބަލާ މިންވަރު ވަނީ ގާނޫނަކުން ކަނޑަ އަޅައިފަ އެވެ.
ހަމައެއާއެކު ސްކޫލު ދުވަސްތަކާއި ޗުއްޓީ ދުވަސް ތަކުގައި ކިޔެވުން ބަހައްޓާނެ ގޮތް ކިޔައިދީ ޗުއްޓީގައި ދަރިވަރުންނަށް މާ ގިނައިން ކިޔެވުމުގެ މަސަައްކަތް ނުދެވޭނެ ގޮތްވެސް މި ގާނޫނުގައި ހަދާފައިވެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް