ފުލުހުން މިދިޔަ ހަފުތާގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެެވެ.
ފުލުހުން ހިނގި އޮޕަރޭޝަނެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު މި ދެމީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ މިއީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓްގެ އިތުރުން މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނެސްފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްހާރިސް 33 އެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.