މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ހަތަރެއް ޖެހިއިރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި ހިނގާލުމުގައި އިދިކޮޅު ކޮލިޝަންގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވި އެވެ. މި ހިނގާލުމުގައި ބައިވެރިވާ ބޭފުޅުން ތިބީ މި ހިނގާލުމަށް ޚާއްސަ ޓީޝާޓެއް ލައިގެންނެވެ.

މި ހިނގާލުމުގައި ބައިވެރިން ގޮވަމުން ދިޔައީ ރާއްޖެއިން އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު މާލެގައި ކުރިއަށް ގެންދިޔަ ހިނގާލުން.. ފޮޓޯ: ޕީޕީއެމް

މި ހިނގާލުމާއިގުޅޭގޮތުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައި ވަނީ މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު މާލެގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ބައިވެރިވަނީ... ފޮޓޯ: ޕީޕީއެމް

މި ހިނގާލުން ބާއްވަނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.