ހަށިގަނޑު ވަރުބަލިކޮށްލައި ނިދިގެއްލުވާލާ ކަމަކަށް ކެއްސުންވެ އެވެ. ރޯގާ ޖެހުމުންނާއި އިންފެކްޝަނެއް ހުރުމުން ނުވަަތަ ބައްޔެއްގެ ސަބަބުން ކެއްސަން މެދުވެރިވެ އެވެ. ގިނަ ފަހަރަށް ކެއްސާނަމަ ބޮވެނީ ކެއްސާތީ ބޯ ބޭހެވެ. ބޭސް ބޭނުންކުރި ނަމަވެސް ކާ އެއްޗެއްގެ ސަބަބުން ކެއްސުން އިތުރުވެސް ވެދާނެ އެވެ.

ކިރު

ކިރު ނުވަތަ ޑެއިރީ ބުއިންތައް ކެއްސާ ދުވަސްތަކުގައި ބޭނުންކުރާނަމަ އަރިދަފުސް އައުން އިތުރު ކޮށްދެ އެވެ. އޭގެ ސަބަބުން ކަރުގަ އާއި ފުއްޕާމޭގައި އަރިދަފުސް ހިފަން މެދުވެރިވެ ގިނައިން ކެއްސަ އެވެ. އެހެންކަމުން ކެއްސާ ދުވަސްތަކުގައި ކިރު ބޭނުން ނުކުރުން ރަނގަޅެވެ.

ތައްޔާރީ ކާނާ

ތައްޔާރީ ކާނާއާއި ލުއިކާނާއަކީ ވެސް ކެއްސަން މެދުވެރިވާ އެއްޗެއްސެވެ. އޭގެ ތެރޭގައި ޕާން، ޕާސްތާ، ފޮނި ކާއެއްޗެއްސާއި ފެކެޓް ކޮށްފައި ހުންނަ ތަކެތި ހިމެނެ އެވެ. ޕެކެޓްކޮށްފައި ހުންނަ ތަކެތި ތާޒާ ކަންމަތީ ބެހެއްޓުމަށް ގިނަ ކެމިކަލްތައް ބޭނުން ކުރުމުގެ ސަބަބުން ކެއްސާ ދުވަސްވަރު އޭގެ ނޭދެވޭ އަސަރުކުރެ އެވެ. އެހެން ކަމުން ކެއްސާ ދުވަސްވަރު އެތަކެތިން ދުރުވެ ފެހި ތަރުކާރީ ގިނަ ކުރަން އާދަކުރާށެވެ.

ހުތް މޭވާ

ހުތް މޭވާ ނުވަތަ ސިޓްރަސް ފުރުޓްސް ބޭނުންކުރުމުގެ ސަބަބުން އެސިޑް ރިފްލެކްސް ހުންނަ މީހުންނަށް އެ ބަލީގެ ނުރައްކާ އިތުރު ކޮއްދެ އެވެ. ކެއްސާ ދުވަސްވަރުގައި ކެއުން އެންމެ ރަނގަޅީ ފެން ގިނައިން ހުންނަ މޭވާ އާއި ތަރުކާރީ އެވެ. ކަރާ، އަލަނާސި އާއި ޕިއާސް މީގެ ތެރޭގައި ހިމެނެ އެވެ.