ޚަރްތޫމް (27 އޮކްޓޯބަރު) - މިދިޔަ ހޯމަ ދުވަހު ސޫދާނުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތް ހިންގީ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެތީ ކަމަށް އަސްކަރިއްޔާގެ ޗީފް އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކާއެކު ސޫދާނުގައި އަސްކަރީ ވެރިކަމެއް އިއުލާން ކޮށްފައިވާއިރު ގިނަ އަދަދެއްގެ އާއްމުން ވަނީ ޖެހިގެން އައި ދުވަހު އާ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި އެގައުމުގެ މަގުތަކަށް ނުކުމެފަ އެވެ.
ސަރުކާރުގެ ގިނަ އަދަދެއްގެ އަދިވެސް ވީ ތަނެއް ނޭނގި އަސްކަރިއްޔާއިން ހިފަހައްޓާފައި ވާއިރު މި ބަޣާވާތަކީ ޑިމޮކްރަސީއަކަށް އަމާޒު ހިފާފައިވާ ސޫދާނަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.
ބަޣާވާތަށްފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުލް ފައްތާހު ވިދާޅުވީ ބަޣާވާތް ކުރީ ގައުމުގެ މަސްލަހަތާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ސިޔާސީ ބޭފުޅުން އެއްފަރާތް ކުރުން ނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.
އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ދޫކޮށްލާފައި ވާއިރު މިވަގުތު އޭނާ ހުންނެވީ އަމިއްލަ ގެކޮޅުގައި ފުރިހަމަ ރައްކާތެރިކަމާއެކު ކަމަށް އަބްދުލް ފައްތާހު ވިދާޅުވި އެވެ.
ހަމްދޫކްގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން އަދިވެސް ވީތަނެއް ނޭނގި ސަރުކާރުގެ ގިނަ އޮފިޝަލުން ތަކެއް ހިފަހައްޓާފައި ވާއިރު އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.
ސޫދާނުގެ އަސްކަރިއްޔާއިން އިއުލާން ކޮށްފައިވާ އަސްކަރީ ވެރިކަން ގިނަ ގައުމުތަކަކުން ބަލައިނުގަތް އިރު އެމެރިކާއިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް