(3 ވަނަ ބައި)

"ކީއްވެ..؟" އަނާމްއަށް އަހާލެވުނެވެ.

"ދޮންބެ ދައްތަގެ ލައިފް އަލުން ރިޕީޓް ވާނެހެން ހީވާތީ." ޒިދާންގެ މި ޖަވާބުން އަނާމް ހިމޭން ވިއެވެ.

އަނާމް ގޮވައިގެން ދުއްވަމުން ދިޔަ ޒިދާންއަށް ގެއަށް ވަދެވެންދެންވެސް ފާރިޝް އެމީހުންގެ ފަހަތުން ދުއްވަމުން ދިޔައެވެ. އެންމެ ފަހުން ގޭ ދޮށުގައި ސައިކަލް ޕާކްކޮށްފައި ގެއަށް ވަންނަމުން ޒިދާން އެނބުރި ބަލާލިއިރު ފާރިޝްވެސް އައިސް އެގެއާއި އަރާހަމަވަނީއެވެ. ނަމަވެސް ފާރިޝް އާއި އެ ދުވަހު ދެން އިތުރަށް ވާހަކަ ދައްކަން ޒިދާންވެސް އަނާމްވެސް ބޭނުމެއް ނުވިއެވެ. ދެމީހުންވެސް ގެއަށް ވަދެގެން ދިޔައީ ފާރިޝް ބަލަހައްޓައިގެން އިންދައެވެ.

ޒިދާން އާއި އަނާމްއަށް، ގެއަށް ވަން ބާރުމިނުގައި ނިކުމެގެނެއް ނުއެއް ދެވުނެވެ. ފަނަރަވަރަކަށް މިނެޓް ޖެހުނީ ގޭގައި މަޑުކުރާށެވެ. އެގޭދޮށުން ފާރިޝް ދާނެ ވަގުތަކަށް އެމީހުން ބެލީ ގޭގެ ތިންވަނަ ބުރީގައި ތިބެގެންނެވެ.

** ** ** ** **

އަނާމްއަށް ހުޅުމާލެއަށް ދެވި އަމިއްލަ ގެއަށް ވަދެވުމާއެކު ފުރަތަމަވެސް ފޯން ނަގައި ގުޅީ އޮފީހުގައި އިން އޭނަގެ އެކުވެރި ސަރާއަށެވެ. އޭނަ އޮފީހަށް ނުދިއުމުން އެމީހުން ކަންބޮޑުވާނެ ވަރު ރަނގަޅަށް އެނގުނު ނަމަވެސް އެއިން އެއްވެސް ވާހަކައެއް އެވަގުތު ދެއްކެން ނެތްކަމަށް ބުނެ، އަނާމް އެދުނީ އެ ދުވަސް އެއީ ސަލާމް ދުވަހަކަށް ހަދައިދިނުމަށް އެޗްއާރްގައި ބުނުމަށެވެ.

"ދެން ނާންނާނަންތަ މިއަދު؟" އަނާމްގެ އެކުވެރި ސަރާ ބޭނުންވަނީ އަނާމް ސަލާމް ބުނި ނަމަވެސް އޮފީހަށް އައުމަށެވެ.

"އަދިވެސް ވަރަށް ވާރޭ އެބަވެހޭ. ނޭނގެއެއްނު ހުއްޓާލާނެ އިރެއްވެސް." މިއަދު ދެން އޮފީހަށް ދާހިތް އަނާމް ނުވަނީއެވެ. އެހެން ނޫންނަމަ ކިތަންމެ ވާރޭ ވެހުނަސް އަނާމް ދާނެއެވެ. އެކަން ސަރާއަށްވެސް އެނގެއެވެ.

"އޯކޭ. އިފް ޔޫ ކަމިން، ލެޓްމީ ނޯ އިނގޭ. ރެސްޓް ކޮށްލާ ދެން. ބައިދަވޭ، އެޗްއާރްއަށް މެއިލް ކުރަން ހަނދާން ނައްތާނުލައްޗޭ" ވީ ކިހިނެއްތޯވެސް ސަރާ ނާހައެވެ. އަނާމް ނުބުނާ ވާހަކައެއް އަނާމް ކައިރިން އެހުން ރަނގަޅުނޫންކަން އަބަދުވެސް ސަރާ ދަނެއެވެ. ކިތަންމެ އެނގެން ބޭނުންވިޔަސް، އަނާމް ބުނަންދެން މަޑުކުރުން ނޫންގޮތެއް ނޯންނާނެއެވެ.

** ** ** ** **

އޮފީހާ ބެހޭގޮތުންވެސް އިތުރު ވާހަކައެއް ނުދައްކާ ފޯންކޯލް ނިންމާލުމަށްފަހު ، ލިފްޓް ކައިރީ މަޑުކޮށްގެން ހުރިއިރު އަނާމް ކަންބޮޑުވަމުން ދިޔައީ އެގަޑީގައި ލިފްޓުން ފައިބަފާނެ މީހަކު ނޭނގޭތީއެވެ. ކިތަންމެ ގިނަބަޔަކާ ދިމާވިނަމަވެސް އަނާމްގެ ހިތާހިތުން އެދެވެމުން ދިޔައީ މަންމައާއި ދިމާނުވުމަށެވެ. މަންމަ ނޫން ކޮންމެ މީހަކާ ދިމާވިނަމަވެސް އޭނައަށް ހެވެވެ. މަންމަގެ އެންމެ ސުވާލަކަށްވެސް ޖަވާބުދޭނެހާ ހިތްވަރެއް އަނާމްގެ ނެތެވެ.

އަނާމްގެ ނަސީބު ރަނގަޅެވެ. ލިފްޓް އައީ ހުހަށެވެ. އެތެރެއަށް ވަދެ 8 އަށް ފިތާލާފައި އަވަސް އަވަހަށް އެނބުރެވުނީ ލޯގަނޑާއި ދިމާލަށެވެ.

އަނާމްގެ ފޯނަށް ކޯލެއް އަންނަން ފެށީ ހަމަ އެވަގުތުއެވެ. ބަލާލިއިރު އެއީ ފާރިޝްއެވެ. އިތުރު ވިސްނުމެއްވެސް ނެތި ފޯން ސައިލެންޓަށް ލާފައި ދަބަހަށް ލިއެވެ. އަނާމް ނިންމީ އިހަށް ދެން ފާރިޝްއާއި ވާހަކަ ނުދެއްކުމަށެވެ.

އަށްވަނަ ފްލޯގެ އަނާމް އުޅޭ އެޕާޓްމަންޓް އަށް ވަދެވުމުން އަވަސްއަވަހަށް ދަބަސް ބާއްވާފައި އަނާމް ދިޔައީ ހެދުންބަދަލު ކުރުމަށެވެ. ގޭގައި ލާކަހަލަ އަތްދިގު ހުދު ޓީޝާޓަކާއި ރޮނގުދެމި ފިޔާތޮށި ކުލައިގެ ހަރުވާޅަކާއި ލައިގެން ކޮޓަރިން ނުކުތްއިރު އަދިވެސް ބޯ ނުހިކޭތީ ބޮލުގައި ހުރީ ހުދު ތުވާއްޔެއް އޮޅާލާފައެވެ. ކޮފީއެއް ބޯން ފެންކައްކަން ޖައްސާފައި މަގެއް ނަގައި ކޮފީކޮޅެއް އަޅާލިއެވެ. ބަދިގޭ ކުޑަދޮރުން ބޭރު ބަލާލިއިރު އަދިވެސް ވެހެނީއެވެ.

މާލޭގެ ބަދަލުގައި ހުޅުމާލޭގައި ދިރިއުޅެން އަނާމްގެ މަންމަ ނިންމީތީ އަނާމް އަބަދުވެސް އުފާކުރެއެވެ. މާލޭގައި އޮތް ކުޑަބިންކޮޅު ދޫކޮށްލާފައި ހުޅުމާލެއިން ބޮޑު ގޯއްޗެއް ހޯދައި އެ ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އެތަނުގައި ގެދޮރު ބިނާކުރީތީ ހާދަ ރަނގަޅޭ އަބަދުވެސް އަނާމްގެ ހިތަށް އަރައެވެ. ހުޅުމާލޭގެ ހުސްތަންބޮޑެވެ. ފެހިކަން ގަދައެވެ. މީހުން މަދެވެ. އެމީހުންގެ ގޭގެ އަށްވަނަ ބުރިން ބަލާލާއިރު އަނާމްއަށް ފެންނަނީ ހުޅުމާލޭގެ އަތިރިމަތި ފަރާތެވެ. ވާރޭގެ ތެރެއިން އަދި މާ ހިތްގައިމެވެ.

ކަޅު ކޮފީތަށި ހިފައިގެން އަނާމް ދިޔައީ ސިޓިންގރޫމް ސޯފާއަށެވެ. އެ ބޮޑު އެޕާޓްމަންޓަކީ އޭނަ އެކަނި އުޅޭ ތަނަކަށް ވާތީ، ސޯފާގައި އިށީނދެފައި ބޮލުގައި ހުރި ތުވާލި އަނާމް ނެގިއެވެ. ދިގު އިސްތަށިގަނޑު ނިއުޅުވާލާ ވަޔަށް ދޫކޮށްލިއެވެ. ދެން ދަބަހުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ.

ހަތްދިހަ ތިން މިސް ކޯލް ހުރުމުން އަނާމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"ގުޑްނެސް...." އެހުރިހާ ކޯލަކީވެސް ފާރިޝްގެ ކޯލްތަކަކަށް ނޫނީ ނުވާނެކަމަށް އަނާމް ނިންމީ ފޯން ހުޅުވައިގެން ބަލާވެސް ނުލައެވެ.

ދެފައި ނަގާ އެއްކޮށް ސޯފާއަށް އަރުވައި، ފައިމަތީގައި ރަޖާގަނޑު އަޅާލަމުން ކޮފީތަށިވެސް އަނާމް އަތަށް ނެގިއެވެ. ފިނިވާތީ ފިނިން ދުރުވެލަން، ކޮފީތަށީގެ ދެފަރާތުގައި އަތުން ބާރަށް ހިފަހައްޓައި އަތަށް ހޫނުކުރަން ފެށިއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ޓީވީއިން، އާދައިގެ މަތިން ޓްރަވެލް ޗެނަލް ހުޅުވާލިއެވެ. ކޮފީތަށިން އެތިއެތިފޮދުން ބޯލެވުނީ ތިންފަހަރުއެވެ. މޭޒުމަތީ އޮތް ފޯން އަނެއްކާވެސް ވައިބްރޭޓް ވާން ފެށިއެވެ. އަނާމް ހަމަ އެ އިންގޮތަށް އިނދެފައި ބަލާލިއެވެ. އަނެއްކާވެސް އެ ގުޅަނީ ފާރިޝް އެވެ.

މިފަހަރު އަނާމް ފޯން ނިއްވާލިއެވެ.

ފާރިޝްގެ ކިބައިން ސަލާމަތްވާން އޭނަ ކުރި ހުރިހާ މަސައްކަތެއްވެސް މިހާތަނަށް އޮތީ ނާކާމިޔާބު ވެފައެވެ. އެހެންނަމަވެސް އެއީ ފާރިޝްއަށް އޮތް ކާމިޔާބެއް ކަމަށް ފާރިޝް ހީކުރުމަކީ ގޯހެކެވެ. ޚާއްޞަކޮށް މިއަދު ފާރިޝް ކަންތައް އެކުރި ގޮތުން އަނާމްގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. ފާރިޝްގެ ސަބަބުން އަނާމްއަށް އޮފީހަށް ނުދެވުނު މިއީ ފުރަތަމަ ދުވަހެއް ނޫނެވެ. ނަމަވެސް ކުރީ ދެ ދުވަހަކު ހަމަ އެކަހަލަ ގޮތަކަށް މަގުމަތިން ދިމާކޮށްލައިގެން ދިޔަނުދީ ހިފެހެއްޓިފަހުން އަނާމް ވާނީ އެހެން އެކަން ނުކުރުމަށް ފާރިޝް ލައްވާ ވަޢުދު ކުރުވާފައެވެ. އެހެންނަމަވެސް އެ ހަނދާނެއްވެސް ފާރިޝް ނެތް ކަހަލައެވެ. އަނާމް ދެކޭ ގޮތުގައި ކޮންމެ ކަމެއްގެވެސް ހައްދެއް އޮންނާނެއެވެ.

އޭނައަކީ އަންހެނަކަށް ވީތީ، ފާރިޝް ބޭނުންހާ ގޮތަކަށް ކަންތައް ކުރެވިދާނެކަމަށް ފާރިޝް އަށް ހީވާނަމަ އެއީ ކުށް ހީއެކެވެ. ފިރިހެނެއްގެ ހަރުކަށިކަމާއި އަނިޔާވެރިކަމާއި ރަޙުމުކުޑަކަމަކަށް އޭނަ މަރުޙަބާއެއް ނުކިޔާނެއެވެ. ދުވަހަކުވެސް ނުކިޔާނެއެވެ.

މާބޮޑަށް ފާރިޝް އާއި ދޭތެރޭ ވިސްނަން އަނާމްއަށް ފުރުޞަތު ނުލިބުނެވެ. ކޯލެއް އަންނަން ފެށިއެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ، ދެފައި ތިރިކޮށްލާފައި ކޮފީތަށި ބެހެއްޓުމާއި ފޯން ނެގުމާއި ދިޔައީ އެކުއެކީގައެވެ.

"ބައްޕާ؟ " ހިތުގެ އެންމެ ފުންމިނުން ވާ ލޯތްބަކާއެކު އަނާމް އޭނަގެ ބައްޕައަށް ގޮވާލިއެވެ. ލޯބިން ފުރި އުފަލުން ފޮޅިފައެވެ.

"ނޫނޭ، އައްނޫ މީނީ ގޭގަ. އުނހުނ، އައި ކޭމް ބެކް. ޔެސް." ކުޑަ ހީލުމަކާއެކު އަނާމް އޭނަގެ ބައްޕައަށް ޖަވާބު ދެމުން ދިޔައެވެ.

"މިރޭކިހާއިރަކު ފްލައިޓް އިނީ؟ އަޅުގަނޑު ދާނަން އެއަރޕޯޓަށް." ބައްޕަ ދެކޭހިތުން އަނާމް ހުންނަތާ ކިތަންމެ ދުވަހެކެވެ.

"ސީޔޫ ބައްޕާ. ސީޔޫ. ބީ ސޭފް. ލައްބަ" ފޯން ބޭއްވުނުއިރު އަނާމް އިނީ އުފަލުން ފޮޅިފައެވެ. ފޯން ބާއްވާފައި އަނާމް ވަގުތުން ދޮންބެއަަށް ގުޅާފައި ބައްޕަ އަންނަ ޚަބަރު ދިނެވެ. އަދި މިރޭ ދެބެއިން އެކުގައި ބައްޕަ ބަލާ އެއަރޕޯޓަށް ދިއުމަށް ނިންމިއެވެ.

** ** ** ** **

މެންދުރުވަންދެންވެސް އަނާމް އުޅުނީގޭގައެވެ. އޭނަ ގޭގަ އުޅޭކަން މަންމައަށްވެސް އެހެންމީހަކަށްވެސް ނާންގާ އަނާމް އޮތީ ގިނަވަގުތު ސޯފާގައި އޮށޯވެލައިގެން ޓީވީ ބަލާށެވެ. ނިންމަންޖެހޭ ލިޔެކިޔުންތަކެއް ހުރިނަމަވެސް އެއިން އެއްވެސް ކަމެއް އަނާމް ނުކުރެއެވެ.

އަނާމްގެ ސިކުނޑީގައި ހިނގަނީ ފާރިޝްއާއިމެދު ކުރެވޭ ފިކުރުތަކެވެ. އެކައިވެނި ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު އެހެން ބުނާނެ ފަސޭހަ ގޮތެއް އަދި މޮޅުގޮތެއްވެސް އަނާމްގެ ވިސްނުމަކަށް ނާދެއެވެ.

ރައްޓެހިވެގެން މިވީ ހަތް މަހެވެ. އެކަމަކު އެ ހަތްމަސް އޭނަ މޮޔަކޮށްލައިފިއެވެ. ޙަޔާތުގައިވެސް ތަޖުރިބާނުކުރާ ވައްތަރެއްގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމާ ކުރިމަތިލާން އޭނައަށް ޖެހުމުން ވަރުބަލިވެއްޖެއެވެ. ފާރިޝްއަކީ މޮޔައެއް ނޫނެވެ. ބޯހަމަޖެހޭ ތަޢުލީމީ ޒުވާނެކެވެ. އެކަމަކުވެސް ފާރިޝްއަށްޓަކައި ފާރިޝްގެ ނަފްސަށްވުރެ އެހެން ނަފްސެއްގެ އަގެއް ނެތުމުގެ ސަބަބުން ފާރިޝްއަކަށް އޭނައަށް ކުރެވޭ ކުށްތައް ނޭނގުން އެއީ އަނާމްއަށް އަދިވެސް ތަޙައްމަލުކުރަން ދަސްނުވި ކަމެކެވެ. ރުޅިއަންނާކަށް ފަހަރެއް ފަހަރެއް ނޯވެއެވެ. އެ އަންނަ ފަހަރެއްގަ ބުނާކަށް އެއްޗެއް އެއްޗެއްވެސް ނޯވެއެވެ. ފުރަތަމަ ދުވަހުވެސް މިއީ އޭނައަށް ބަލައިނުގަނެވުނު ކަންކަމެވެ.

އެހެންނަމަވެސް ސުލްހަވެ މާފަށް އެދި ދެން އެހެން ނުވާނެކަމަށް އެތައް ވަޢުދެއްވެ ކުރިއަށްވުރެ ދިހަގުނަ އިތުރަށް ލޯބިފާޅުކޮށް، ލޯބިން ހަދިޔާދީ ހަދައި، އާދޭސްކުރަން ފެށުމުން އަނާމްއަށް ފާރިޝްގެ އެ ގޯސް ސިފަތައް ހަނދާން ނައްތާލެވެނީއެވެ. އެންމެ ފަހުން މިހާރު އިންނަން އޮތީ ރަންވެސް ކިޔާފައެވެ. މިއަންނަ އޮކްޓޯބަރު 10 ވަނަ ދުވަހަކީ އެމީހުން ކައިވެނި ކުރަން ހަމަޖެހިފަ އޮތް ދުވަހެވެ. އެދުވަހާ ދެތެރޭގައި މިއޮތް ދެ ހަފުތާތެރޭގައި އޭނައަށް ގޮތެއް ނުނިމިއްޖެނަމަ މުޅި އުމުރަށްވެސް އޭނަ ހިތާމަ ކުރަން ޖެހޭނެކަން އަނާމްއަށް މިހާރު އެނގެއެވެ.

"ތިމީހުން އާދެބަލަ އޮފީސް ނިންމާފައި މިގެއަށް." އެންމެ ފަހުން ސަރާއަށް ގުޅާފައި އަނާމް އެދުނެވެ.

"ހޫމް. އައިސްފަ ގުޅާ. އޯކޭ. ސީޔޫ" އަނާމް ފޯން ބޭއްވިއެވެ.

ސަރާއަކީ އޭނައަށްވުރެ ފަސްވަރަކަށް އަހަރު ދޮށީ މީހަކަށްވެފައި މިހާރުވެސް ކައިވެންޏެއް ކޮށްގެން އުޅޭ މީހަކަށްވާތީ، ސަރާގެ ފަރާތުން ރަނގަޅު ލަފައެއް ލިބިދާނެކަމަށް އަނާމް ވިސްނިއެވެ. އޭނައަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައިވެސް ވަރަށް ގިނަފަހަރަށް ސަރާގެ ލަފައާއި މަޝްވަރާއަށް ބަލައި އަނާމް ހުންނާނީ ކަންތައްތައް ކޮށްފައެވެ. މިފަހަރުވެސް ސަރާގެ ބަހެއް ހޯދަން އަނާމް ބޭނުންވީ ސަރާގެ ވާހަކަ ގަބޫލުކުރެވޭތީއެވެ. ސަރާއަކީ އޭނައަށް ހެޔޮއެދޭ މީހެއްކަމަށް ގަބޫލުކުރެވޭލެއް ބޮޑުކަމުންނެވެ.

** ** ** ** **

"އެއްދުވަހުން އަނެއްދުވަހަށް އޭނަގެ ކަންތައްތައް ތިއަންނަނީ ގޯސްވަމުންނެއްނު އައްނޫ. ދެން ކީއްކުރަން އެނގިހުރެ މެރީ ކުރަނީ؟" ސަރާއާއި ހުމާ ގެއަށް އައުމުން ކަންތައް ވެގެން އުޅޭގޮތާއި، މިއަދު ވީގޮތާއި ބެހޭ ގޮތުން ކިޔައިދިނުމުން ސަރާގެ ސުވާލަކަށްވީ މިއެވެ.

"އެކަމަކު މަންމަ...." އަސްލު ކަންބޮޑުވުން އަނާމްއަށް ފާޅުކުރެވުނެވެ.

"އެކަމަކު ދެން. މަންމައަށް ކިޔައިދޭންވީނު ހުރިހާ ވާހަކައެއް. މަންމައަށްވެސް އެނގުނީމަ ނުބުނާނެ މެރީކުރާށެކޭ." ސަރާއަކަށް އަނާމްގެ އެ ފިނޑިކަން ކަމަކު ނުދިޔައެވެ.

"ކިހިނެއްހޭ؟ މަންމަ ބުނެގެން އޭނަ އަހަރެން ފަހަތުން އުޅެގަތީވެސް. ތިމީހުންނަށް އެނގެއެއްނު އެކަން. ކުރީ ފަހަރެއްގަވެސް އޭނަގެ ކަންތައް ހުންނަ ގޮތުގެ ވާހަކަ ދެއްކީމަ މަންމައެއްނު ބުނީ އަހަރެން މާ ކަންތައް ބޮޑުކުރަނީއޭ. ފިރިއަކަށްވީމަ ބަސްއެހީމަ ރަނގަޅުވާނެޔޭ" އެ ދުވަސް ހަނދާނަށް ގެންނަމުން ފޫހިވެފައި އަނާމް ބުނެލިއެވެ.

"ތިދެން ވަރަށް ހެއްވާ ވާހަކައެއް. އައްނޫގެ މަންމައަށް ފިރިހެނެއްގެ ހުރި އަނިޔާވެރިކަން ނޭނގެންޏާ ދެން ކާކަށް އެނގޭނީ." ސަރާއަކީ އައްނޫގެ މަންމަގެ ދިރިއުޅުމުގެ ހުރިހާ ކަމެއްހެން އެނގޭމީހެއްފަދައެވެ.

"ދެން ނޭނގެ. އަހަންނަކަށް ނުވާނެ." ފޫހިވެފައި އަނާމް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

"ތީ އައްނޫގެ ގޮތެއް ނޫން. ހިތްވަރުކޮށްލަން ޖެހޭނެ. ރިއަލް ލައިފްގަ ލޯޔަރެއް ތިއީ. އެއްވެސް ކަމެއްގައި ދޫދީގެން ކަމަކު ނުދާނެ. އަހަންނަށް ފެންނަނީ މަންމައާއި ވާހަކަ ދައްކަން. ބުނަންވީ ހަމަ ތެދަށް. ބުނަންވީ މެރީ ނުކުރާނަމޭ. ސަބަބު ކިޔައިދިނީމަ މަންމަ ގަބޫލުކުރާނެ. މިއަދުވެސް ހެދީ މިހެންނޭ ބުނެބަލަ. އެހެންނޫނީ އަހަރެންނަށް ހުއްދަދީ އައްނޫ މަންމައާއި ވާހަކަ ދައްކަން. އަހަރެން ދައްކަފާނަން. ދައްކަން އެނގެންވެސް އެނގޭނެ." ފާރިޝް އާއި އަނާމްގެ ކައިވެނި ކުރެވެން ސަރާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއޭ އަބަދުވެސް ހުމާގެ ހީވާތީ މިފަހަރުވެސް ސަރާ އެބުނި އެއްޗަކުން، ހުމާއަށް އިނދެވުނީ ސަރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

"ޔޫ ސެއިޑް ބައްޕަ އަންނަނީޔޭ މިރޭ. ސޯ ، ބައްޕައާއި ވާހަކަ ދައްކަންވީނު." އަބަދުގެވެސް އާދައިގެމަތިން، އަޑުއަހަން އިނދެއިނދެފައި ހުމާ ބުނެލިއެވެ. ހުމާ އެ ފާޅުކުރީ ރަނގަޅު ވިސްނުމެއްކަމެއް ސަރާއަކަށް ޔަގީން ނުވާތީ ސަރާވެސް އިންތިޒާރު ކުރަން ފެށީ ދެން އަނާމް ބުނާނެ އެއްޗަކަށެވެ.

"އައި ކާންޓް ޑްރެގް ބައްޕަ އިންޓު ދިސް. ބައްޕައަކީ މިކަހަލަ ކަންތައްތަކުގެ ތެރޭގަ އުޅޭމީހެއް ނޫން." ދެރަވެލާފައި އަނާމްއަށް ބުނެވުނެވެ. އޭނައަށް ވެގެން ވާނެނަމަ ބައްޕަގެ ނަންވެސް އެގޭތެރޭގައި ބާރަށް ނުކިޔާނެކަން އަނާމްގެ ދެރަޙްމަތްތެރިންނަށްވެސް އެނގެއެވެ. އަނާމް ނޫނީ ބައްޕަ ދެކެ އެހާ ލޯބިވާ ރައްޓެއްސަކު އެމީހުން ނުދަނެއެވެ.

"ދެން އެހެނެއް ނޫނޭ. ބައްޕަ ދޯ ދެން ހުރީ. އެހެންވެ." ހުމާ ހިތްވަރު ދިނެވެ.

"ވިސްނާލާނީ ތިކަމާ. ބައްޕަ އެއަންނަނީ ހަމަސްފަހުން. ނުކެރޭނެ ޕްރެޝަރެއްގެ ތެރެއަށް ވައްޓާލަން." ފޯން ނަގައިގެން ބަލަމުން އަނާމް ވާހަކަ ދެއްކީ ވިސްނުމެއްގެ ތެރެއިންނެވެ.

** ** ** ** **

ހަވީރު ހަތަރެއްވެސް ޖެހިފަހުން އަނާމްގެ ރަޙްމަތްތެރިން ދިއުމުން ސޯފާގައި އޮތްވައި އަނާމްއަށް ނިދުނެވެ. ހޭލެވުނީ މަޑުމަޑުން ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާ އަޑަށެވެ. ވަގުތުން ރަޖާގަނޑު ދަމައި ބޮލާއެކު އެޅިއެވެ. އެ ދޮރު ހުޅުވާފައި އެގޮތަށް ވަންނާނީ އެންމެ މީހެކެވެ. އެކަމަކު އެއީ އޭނަ ދެކޭހިތްވާ މީހެއް ނޫނެވެ. ދެކެން ބޭނުންވާ މީހެއްވެސް ނޫނެވެ.

(ނުނިމޭ)