ރިޔާދު (30 އޮކްޓޯބަރު) - ސައޫދީ އަރަބިއާއާއި ލުބްނާނުގެ މަޝްރަހު ހޫނުވެ، ލުބްނާނުން ސައޫދީ އަރަބިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެގައުމުން ފައިބަން ސައޫދީ އަރަބިއާގެ ސަރުކާރުން އަންގައިފި އެވެ.

ސައޫދީ އަރަބިއާއާއި ލުބްނާންގެ މެދުގައި އޮތް ގުޅުން ހީނަރުވެފައި މިވަނީ ލުބްނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކަރުދާހީ ގަތަރުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ކަރުދާހީ ވިދާޅުވެފައި ވަނީ އަހަރުތަކަކަށް ދެމިގެން ދިޔަ ޔަމަނު ހަނގުރާމައިގައި ސައޫދީ އަރަބިއާއާއި ޔޫއޭއީގެ ބައިވެރިވުން އޮތް ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން 48 ގަޑިއިރު ތެރޭގައި ސައޫދީ އަރަބިއާގައި ހުރި ލުބްނާނުގެ ސަފީރު ގައުމުން ފައިބަން އަންގާފައިވާއިރު ލުބްނާނުން ކުރަމުން އައި އިމްޕޯޓުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. އެއާއެކު ބެއިރޫތުގައި ހުރި އެގައުމުގެ ސަފީރު އަނބުރާ ސައޫދީ އަރަބިއާއަށް އައުމަށްވެސް އަންގައިފައިވެ އެވެ.

ސައޫދީ އަރަބިއާއިން ލުބްނާނަށް އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކަކީ ސަރަހައްދީ ގުޅުންތަކުގެ އެހީގައި އެގައުމުގެ އިގްތިސާދު ވެރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނަ ލުބްނާނަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

ސައޫދީ އަރަބިއާގެ މި ނިންމުމާއެކު އަވަށްޓެރި ބަހްރެއިންއިން ވެސް ވަނީ އެގައުމުގައި ހުރި ލުބްނާނުގެ ސަފީރު ގައުމުން ފޭބުމަށް އަންގައިފަ އެވެ.

މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ލުބްނާނަށް ސަރަހައްދީ ފިއްތުންތަކާއި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް