ޑިޕްރެޝަންއަކީ މިހާރު ވަރަށް އާއްމު ވެފައިވާ ކަމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ޑިޕްރެޝަންގެ ހާލަތު ގޯހެވެ. މި ލިޔުމުގައި މި ބަލާލަނީ ޑިޕްރެޝަންއިން ދުރުވުމަށް މަސައްކތް ކުރަން ކުރެވިދާނެ ކަންކަމަވެ.

އެކަނި ގިނަ ވަގުތު ހޭދަނުކުރުން

ތިމާ ޑިޕްރެސްވެފައިވާ ވަގުތުތަކުގައި އެހެން މީހުންގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ބޭނުމެއް ނުވާނެ އެވެ. ކޮޓަރީގައި މީހުންނަށް ނުފެނި ގިނަ ވަގުތު ހޭދަކުރަން ފެށުމުން ގިނަ ކަންތައްތަކާއި ވިސްނޭގޮތް ވާނެ އެވެ. އެހެން ކަމުން ތިމާ އެކަނި ހޭދަކުރެވޭ ވަގުތުތައް މަދު ކޮށްލާށެވެ.

ސިއްހަތާމެދު ފަރުވާތެރިވުން

މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ ބައެއް ފަރާތްތަށް ކެއުމުން މަހުރޫމު ވެގަންނައިރު އަނެއް ބަޔަކަށް މާގިނައިން ކެވޭތަން އާދެ އެވެ. ރަނގަޅު ކާނާ ރަނގަޅު މިންވަރަށް ބޭނުންކުރުމަށްފަހު ކަސްރަތުކުރާނަމަ ތިމާގެ މޫޑު ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އިތުބާރުކުރެވޭ ފަރާތެއްގެ އެހީ ހޯދާ

ހާސްވެ ކަންކަމުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންކަމުގައި މާބޮޑަށް ވިސްނޭނަމަ ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާވުން ގާތެވެ. އެހެން ކަމުން ތިމާގެ މައްސަލަތައް އިތުބާރުކުރެވޭ ފަރާތަކާއި ހިއްސާކުރުން މުހިއްމެވެ. ތިމާއަށް ދިމާވެގެން އުޅޭ ކަމުގައި އަނެކާއަށް ވެދެވޭނެ އެހީތެރިކަމެއް އޮތްތޯ ބަލާށެވެ.

ސައިކޮލޮޖިސްޓެއް ނުވަތަ ސައިކޭޓްރިސްޓެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރޭ

ތިމާގެ ވާހަކަ ތައް ހިއްސާކުރާ ސައިކޭޓްރިސްޓް ނުވަތަ ސައިކޮލޮޖިސްޓެއް އިޚްތިޔާރުކުރުމުގައި ވަރަށް ބޮޑަށް ބަލަންވާނެ އެވެ. ތިމާ އެފަރާތަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. ސައިކޭޓްރިސްޓެއްގެ ލަފާގެ މަތިން ޑިޕްރެސްވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ބޭސް ބޭނުން ކުރަމުން ދާށެވެ. އެެހެން ނަމަވެސް ހުރިހާ ގޮތްތަކެއް ބެލުމަށްފަހު ނޫނީ ބޭސް ބޭނުން ނުކުރުން އެދެވިގެންވެ އެވެ.