ރައްޔިތުންނަށް ހަރަދު ކުރާއިރު، ފައިސާ ނުހުންނަ ކަމަށާއި، ސަރުކާރުގެ އިސް ވެރިން ކުރައްވާ ދަތުރުތަކަށް ފައިސާ ހުންނަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭންވީމަ ފައިސާ ނުހުންނަ ކަމަށާއި، ސަރުކާރުގެ އިސް ވެރިން ދެއިރު ދެދަޅަޔަށް ދަތުރު ކުރާއިރު ފައިސާ ހުންނަ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މެމްބަރު ޝިޔާމް ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުން ކުރައްވާ ދަތުރުތަކަށް މިލިއަނުން ހަރަދުކުރައްވާ ކަމަށާއި، އާންމު ރައްޔިތުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން މަސައްކަތްކުރި ނަމަވެސް އެ ހިދުމަތް އާންމުންނަށް ލިބުން ދަތިވެފައިވާކަން ފާހަގަކުރައްވާ އެވެ.

އޭގެ އިތުރުން ޝިޔާމް ވަނީ ބޯހިޔާވަހިކަން ހޯދުމަށް އާންމު ރައްޔިތުން ކުރިމަތިލަމުން ގެންދާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައި، އެކަމަށް ރައްޔިތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ 10 ބިލިއަން ރުފިޔާގެ ދަރަންޏެއް ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެވަރުގެ ބޮޑު ދަރަންޏެއް އަރާ ބަޖެޓެއް މަޖިލީހަށް މިހާތަނަށް ހުށަހަޅާފައި ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މެމްބަރުންގެ އެކި ދަތުރުތަކަށް ކުރާ ހަރަދުތަކަށް އާންމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވެސް ދަނީ މިކަމަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ސަރުކާރުގެ ދަތުރުތަކަށް 96.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުން ވެސް އެނގެ އެވެ.