ޓޮމާޓޯއަކީ ރާއްޖޭގެ ދަނޑުބިންތަކުގައި ވެސް ފަސޭހަކަމާއެކު ހައްދާލެވޭ ތަރުކާރީ އެކެވެ. އަދި އެހާމެ ސިއްހަތަށް ފައިދާހުރި ތަރުކާރީއެއް ވެސްމެ އެވެ.

ޓޮމާޓޯއިން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދިނުން ހިމެނެ އެވެ. އަދި ހަމުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ޓޮމާޓޯއަކީ ފައިދާހުރި ތަރުކާރީ އެކެވެ.

ޓޮމާޓޯގައި ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭގެ އިތުރުން ވިޓަމިން ބީ6 ފަދަ ހަށިގަނޑަށް މުހިއްމު ވިޓަމިންތައް ހިމެނެ އެވެ. މީގެ އިތުރުން ޕޮޓޭސިއަމް، މެގްނީސިއަމް، ޕޮސްޕަރަސް އަދި ކޮޕާއަކީ ވެސް ޓޮމާޓޯގައި ހިމެނޭ މާއްދާތަކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ހަށިގަނޑުގައި ލޭގެ ދައުރުވުން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅު ކޮށްދިނުމަށް ވެސް ޓޮމާޓޯގެ ދައުރު ބޮޑެވެ.

ޓޮމާޓޯއަކީ ގޮހޮރު އަދި ބަނޑުގެ ކެންސަރު ފަދަ ގިނަ ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީވެދޭ މޭވާ އެކެވެ. އަދި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެންވާ ތަރުކާރީއެއް ކަމުން ކަށިތައް ވަރުގަދަ ކޮށްދިނުމަށް އެހީވެދެ އެވެ.

މި ހުރިހާ ކަމަކަށް ބަލާ އިރު އާއްމު ދިރިއުޅުމުގެ ކެއިންބުއިމުގައި ޓޮމާޓޯ ހިމެނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެހީއަކަށް ވާނެކަން ޔަގީނެވެ.