ނަސްރުގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު ހަނދާން އާކޮށްދެނީ އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމިއްޔަތު ނެރެންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރައްވަމުން ގެންދާ ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ނަސްރުގެ ދުވަހެއް ފާހަގަކުރަމުންދަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުން ކަމަށެވެ.

ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި، ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދިން އުފާވެރި މުނާސަބަތަކީ ދިވެހި ރައްޔިތުންނާއި، ސިފައިން ވީ ގުރުބާނީއެއްކަމަށް ރައީސް ވިދާޅުވި އެވެ.

"ސުލްހަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގަ. އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއް. އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ހަބަރުތައް، ގައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށާއި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިނެވެ. ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާއެވެ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހާއްސަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.