ބެއިރޫތު (03 ނޮވެމްބަރު) - ބޭނުންވަނީ ސައުދީ އަރަބިޔާ އާއެކު މަޝްވަރާތައް ކުރަން ކަމަށާއި އީރާނުން ވާގިވެރިވާ ހިޒުބުﷲ ޖަމާއަތާ ގުޅޭގޮތުން ސައުދީ އަރަބިޔާއިން ކުރިމަތި ކޮށްފައިވާ ޝަރުތުތައް ނޫން ކަމަށް ލުބުނާނުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަބޫ ހަބީބު ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސައުދީ އަރަބިޔާއިން މަޝްވަރާތަކަށް އެއްބަސްވާ ނަމަ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުވެގެން ދާނެ ކަމަށެވެ.

"ހިޒުބުﷲ އާ ގުޅޭގޮތުން ކުރިމަތިކޮށްފައިވާ ޝަރުތު ތަކަކީ އެއްވެސް އަސާސެއް ނެތް ޝަރުތު ތަކެއް. އެ ޖަމާއަތާބެހޭ މައުލޫމާތު ބޭނުންވިޔަސް އެކަން ކޮށްދެވޭކަށް ނެތް،" ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ހިޒުބުﷲ އަކީ ލުބުނާނު ސަރުކާރުގެ ބައެއް ކަމަށާއި އެ ބަޔާބެހޭ ސިއްރު މައުލޫމާތު ސައުދީ އަރަބިޔާއަށް ދެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުބުނާނާއި އަރަބި އެހެން ގައުމުތަކާ މެދު އޮތް ގުޅުންތައް ދުވަހަކު ވެސް ހީނަރު ނުވާހާ މިންވަރަށް ހީނަރުވެފައި ވާއިރު މިކަން މެދުވެރިވި ޔަމަނުގެ ހަނގުރާމައިގައި ސައުދީ އަރަބިޔާގެ ބައިވެރިވުން އޮތް ކަމަށް ލުބުނާނުގެ މިނިސްޓަރަކު ބުނެ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.

މި ވާހަކަތަކާ ގުޅިގެން އަރަބި ގިނަ ގައުމުތަކުން ލުބުނާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު އަކަމުގެ ސަބަބުން ލުބުނާނަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

އަދި މިހާތަނަށް މަޝްވަރާތަކުގެ އެއްވެސް އުއްމީދެއް ފެނިފައި ނުވާކަމަށް ބުނުމުން މިނިސްޓަރު ވިދާޅުވީ މެދުވެރިއެއްގެ ރޯލު އަދާކުރި ގަަތަރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އެދެވޭ ކުރިއެރުމެއް ލިބިދާނެ ކަމަށެވެ.

އަވަށްޓެރި ގައުމުތަކުގެ ގުޅުންތައް ގޯސްވުމާއެކު ގަތަރުންވަނީ އެކަން ހައްލު ކުރުމަށް ފިޔަވަޅުއެޅުމަށް ލުބުނާނަށް ގޮވާލައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އިސްނަގާފަ އެވެ. -- އަލް އަރަބިއްޔާ