ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތައް އެކި މީހުން ހައްލު ކުރާނީ އެކި ގޮތަށެވެ. ހިތްވަރުގަދަ މީހުން ކެތްތެރިކަމާއިއެކު މައްސަލަ ހައްލުކޮށްލަ އެވެ. އަނެއްބައިމީހުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ އެވެ. އެހެންނަމަވެސް ދިމާވާ ކަންކަން ހައްލު ކުރުމަށް ދެ އާދައެއް ދޫކޮށްލަން ޖެހެ އެވެ.

ވަޒީފާގެ މައިދާނަކީ އާ ކަންކަން ކުރަން ތިމާއަށް ޖެހިދާނެ މާހައުލެކެވެ. މަސައްކަތުގެ ގޮތުން ތިމާ އެހާ ފަރިތަ ނޫން ކަންކަން ކުރަން ޖެހިދާނެ އެވެ. ނުވަތަ ކިޔެވުމަށް ކޮލެޖަކަށް ދާ ހިސާބުން ކަންކަން ބަދަލުވެދެ އެވެ. ރައްޓެހިން ބަދަލުވެ، ކިޔެވުމުގެ ވައްޓަފާޅިއާއި ކިޔެވުމުގެ މާހައުލު ވެސް ސްކޫލުތަކާއި މުޅިން ތަފާތުވެ އެވެ. އެހެން ނަމަވެސް ބައެއް މީހުން ނުވަތަ ކުދިން އާ ކަންކަން ކުރަން ޖެހިލުންވެ ބިރުގަނެ އެވެ. ނުކުމެދާނެ ނަތީޖާ ނޭނގޭތީ ކަަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތިމާ ކުރިއެރުމަށް އެފަދަ ބައެއް ކަންކަމަކީ މުހިއްމު ކަންކަމެވެ. އެހެން ކަމުން އާ ބަދަލު ތަކަށް ފުރަގަސް ދިނުން ހުއްޓާލާށެވެ.

ދެވަނަ ކަަމަކީ މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުން ވުމެވެ. އާ ކަންކަން ތަޖުރިބާ ކުރުމާއި މިކަން ގުޅުވިދާނެ އެވެ. އަލަށް ވަޒީފާއަށް ދިއުމަކީ އާ ތަޖުރިބާ އެކެވެ. މަތީ ތައުލީމް ހާސިލް ކުރުމަށް ރަށުން ބޭރަށް ނުވަތަ ގައުމުން ބޭރަށް ދިއުން މިވެސް އާ ތަޖުރިބާއެކެވެ.

އާބައެއްގެ ތެރެއަށް ތިމާ ނުކުންނަ އިރު އަމިއްލަ ނަފްސަށް އިތުބާރުވެސް ބޭނުންވާނެ އެވެ. އެއްވެސް މީހަކީ ހުރިހާ އެއްޗެއް ދަންނަ ބައެއް ނޫނެވެ. އަބަދުވެސް ދަސްކުރަން އިތުުރު ކަންކަން ހުންނާނެ އެވެ. ކޮންމެ މީހަކީވެސް ތަފާތު އާދަތަކެއް ނުވަތަ ވައްޓަފާޅިއެއް ގެންގުޅޭ މީހެކެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް ނުވަތަ އެހެން މީހަކު ބުނެދޭ ގޮތަކަށް ތިމާ ބަދަލު ވާކަން ނުޖެހެ އެވެ.

ނަފްސާނީ ދުޅަހެޔޮ ސިއްހަތެއް ބޭނުންނަމަ މަތީގައި ދެންނެވުނު ދެ އާދައަކީ ކޮންމެހެން ވެސް ދޫކޮށްލަން ޖެހޭ އަމިއްލަ ނަފުސަށް ގެއްލުން ދެނިވި އާދަތަކެކެވެ.