ކޮންމެ މީހެއްވެސް އިސްކޮޅާއި އެކަށީގެންވާ ބަރުދަނެއްގައި ހަށިގަނޑު ހިފެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ. ފަލަވުމަކީ އެކަމުން ތިމާގެ އެކި ކަހަލަ ބަލިތަކަށް ހުށައެޅިގެންދާ ކަމެއް ވެސްމެ އެވެ.

އެގޮތުން އެމެރިކާގެ ކެންސަރު ސޮސައިޓީން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ވޭތުވެ ދިޔަ 40 އަހަރު ތެރޭގައި ފަލަ ވުމުގެ ސަބަބުން ޒުވާނުންނަށް ކެންސަރު ޖެހުން ވަނީ ގިނަވެފަ އެވެ. އެ ސޮސައިޓީން 1995 ން 2014 އާއި ހަަމައަށް ރެކޯޑް ކުރެވިފައިވާ ސިއްހީ ރެކޯޑްތަކުން ކެންސަރު ޖެހުމުގެ ސަބަބެއްގެ ގޮތުގައި ފަލަވުން ފާހަގަ ކުރެވިފައިވެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 12 މީހުންގެ ތެރެއިން 6 މީހުންނަށް ކެންސަރު ޖެހުމަށް މަގުފަހިވަނީ ބަރުދަން އިތުރުވުމުންނެވެ. މީގެ ތެރޭގައި 20 އަހަރާއި 30 އަަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން ހިމެނެ އެވެ.

ފަލަވުމުގެ ސަބަބުން އުރަމަތީގެ ކެންސަރު، އޯވަރީގެ ކެންސަރު، ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ތައިރޮއިޑް، ބަނޑުގެ މައްސަލަތައް، ކިޑްނީގެ މައްސަލަތައް ޖެހުމަށްވެސް މަގުފަހިވެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންވެސް ކެންސަރު ޖެހުން ގިނަކަން މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.