ޒުވާންކަން މަތީ ގިނަދުވަހު ދެމިހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. އުމުރުން ދުވަސް ވާވަރަކަށް ހަށިގަނޑަށާއި ހަމަށް އަންނަ ބަދަލުތަކާމެދު އެންމެ ކަންބޮޑުވާނީ ހާއްސަކޮށް އަންހެން ބޭފުޅުންނެވެ. ހަންގަނޑުގައި އުފެދޭ ރުލާއި އިރުގެ އަލިން ހަމަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ގިނަ އަންހެންވެރިން ބޮޑެތި ހަރަދުތަކެއް ކުރެ އެވެ. ރަނގަޅުވާނެހެން ހީވާ ހުރިހާ ޕްރޮޑަކްޓްސް ތަކެއް ގަނެގެން ބޭނުން ކުރެ އެވެ. މީގެ ބަދަލުގައި ގުދުރަތީ ފަރުވާ އެއް ހޯދުން މާރަނގަޅެވެ. ގުދުރަތީ ގޮތުން ޒުވާން ހަމެއް ލިބޭނީ އޭރުންނެވެ. މިގޮތުން ބޭނުން ކުރެވިދާނެ ފަސް ކާނާއެއް ހިމަނާލާނަމެވެ.

އާފަލު

އާފަލު ތޮށީގައި ހުންނަ މުހިންމު މާއްދާގެ ސަބަބުން އިރުގެ ހޫނުން ހަން ސަލާމަތް ކޮށްދިނުމަށް އެހީވެދެ އެވެ. މީގެ ސަބަބުން ހަމުގެ ކެންސަރުންވެސް ސަލާމަތް ކޮށްދެ އެވެ. މީގެ އިތުރުން ގިނައިން އާފަލު ކާނަމަ ހިތުގެ ބަލިތަކާ މީހާ ދުރުކޮށްދެ އެވެ. އާފަލު ކާއިރު އޭގެ ތޮށިވެސް ކެއުމަށް ސަމާލުކަން ދިނުން މުހިންމެވެ.

ކުކުޅު ބިސް

ކުކުޅު ބިހަކީވެސް އިރުގެ ހޫނުން ހަން ސަލާމަތް ކުރުމަށް އެހީވެދޭ މުހިންމު މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން ހަމަށް މަޑުކަމާއި އޮމާންކަން ގެނެސްދީ ހަމުގެ ތެތްކަން ހިފަހައްޓައި ދިނުމުގައި މުހިންމެ ދައުރެއް އަދާކުރެއެވެ.

އަލްމަންޑް

އަލްމަންޑަކީވެސް ރާއްޖޭގެ ބާޒާރުން ފަސޭހައިން ލިބެން ހުންނަ ފައިދާ ހުރި ބާވަތެކެވެ. ކޮންމެ ދުވަހަކު އަލްމޮންޑް މުށެއް ކާނަމަ ހަމަށް މުހިންމު މާއްދާއެއް ކަމަށްވާ ވިޓަމިން އީ އެކަށީގެންވާ ވަރަށް ލިބޭނެ އެވެ. އަލްމަންޑް ގައި ހިމެނޭ ވިޓަމިން އީ އަކީ ހަމުގެ ތެތްކަން ހިފަހައްޓައިދޭ އެއްޗެކެވެ. ހާއްސަކޮށް ހިކި ކުރަކި ހަމެއްގެ ވެރިއެއްނަމަ މީގެ ފައިދާ ވަރަށް ބޮޑެވެ.

ޓޮމާޓޯ

ޓޮމާޓޯ އަކީ ރާއްޖޭގެ ދަނޑުވެރިންވެސް ހައްދާ ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ. އަދި އެހާމެ ފައިދާ ހުރި ބާވަތެކެވެ. ޓޮމާޓޯ އަކީވެސް އިރުގެ އަލިން ހަން ސަލާމަތްކޮށްދޭ ބާވަތެކެވެ. މީގެ އިތުރުން ޓޮމާޓޯގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 34 އިންސައްތައަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ހަމުގައި ރޫޖެހުމުންވެސް ދުރުކޮށްދެ އެވެ.

ސްޓޯބެރީ

ސްޓޯބެރީއަކީ ރާއްޖޭގެ ބާޒާރުގައި އެހާ އާންމު ބާވަތެއް ނޫނެވެ. އެހެންނަމަވެސް ‘ސްޓޯބެރީ ފްލޭވާރޑް’ ޖޫހާއި އެހެނިހެން ބާވަތްތައް ބާޒާރުގައި މަދެއް ނޫނެވެ. ސްޓޯބެރީއަކީ ވަރަށް ގިނަ މީހުން ގަޔާވާ ރަހަ އެކެވެ. އަދި ވަރަށް ފައިދާ ހުރި ބާވަތެކެވެ. މިއީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ ބާވަތެކެވެ. މީގެ ސަބަބުން ހަމަށް އޮމާންކަމާއި ދިރުން ގެނެސްދެ އެވެ. ސްޓޯބެރީގައި އެކުލެވޭ ވިޓަމިން ސީ ގެ ސަބަބުން ހަމުގައި ހުންނަ ކުދި ރޫތައް ނައްތާލައެވެ. މީގެ އިތުރުން މި މޭވާ ގެ ސަބަބުން ކެންސަރު ސެލް އުފެދުމަށް ހުރަސް އަޅާ ކެންސަރާ މީހާ ދުރުކޮށްދެ އެވެ.