އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، އަލިފާން ރޯވީ ކިހިނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި އެތަންތަނުގައި ރޯވަނީ ސިނގިރޭޓް ފިލްޓަރު ނިއްވާނުލައި އެއްލާލާތީ އެވެ.

އެގޮތުން އަލިފާން ރޯވި ސަރަހައްދަށް ފްލެޓުތަކުގައި ދިރިއުޅޭ އާންމުންގެ ބަޔަކު ވަނީ ފެން ހޮޅިތައް ނެރެ ފެންޖަހާފަ އެވެ. ނަމަވެސް އެންއެމްޑީއެފްގެ ފަޔާ ރެސްކިއުއިން ދިއުމާ ހަމައަށް އަލިފާންގަނޑު ދިޔައީ އިތުރަށް ފެތުރެމުންނެވެ.

ހިޔާ ފްލެޓުގެ ކުނި ގޮނޑު ހަދާފައިވަނީ ފްލެޓު ތަކާއި ވަކިން ކަމަށް ވުމުން މިކަމުގެ ސަބަބުން ފްލެޓުތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހިޔާ ފްލެޓުތަކުގައި ކުނި ނެގޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނުވުމާއި އެކު، އާންމުން ދަނީ އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ކުނި އަޅަމުންނެވެ.

ކުނި ނެގުމުގެ މަސައްކަތާއި ވެމްކޯއިން އަދި ރަސްމީކޮށް ހަވާލުނުވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެފައިވީ ނަމަވެސް، ރަސްމީކޮށް އެ މަސައްކަތާއި ހަވާލުވަންދެން އެޗްޑީސީން ވަނީ އެ ސަރަހައްދުތަކުގައި ކުނި އުކާލުމަށް ޑަސްބިންތަކެއް ބަހައްޓާފަ އެވެ.