ޕިކަޕެއް ކޮންޓްރޯލްނުވެ ގޮސް ފާރަކާ ތާށިވި މީހެއްގެ ފައި ޗިސްވެ، ބުރިކޮށްލައިފި އެވެ.

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެ އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާގެ ވާތު ބުރިކޮށްލީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ކުރި އޮޕަރޭޝަނެއްގަ އެވެ.

އެ އެކްސިޑެންޓް ހިނގީ ނިކަގަސް މަގުން ބާޖަމާލުއްދީން ކައިރިން މަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގަ ޖެހިގެންނެވެ.

ރޭ 9:00 ހާއިރު ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ވަރަށް ބާރަށް ދިޔަ ކުޑަ ޕިކަޕެއް ކަންމައްޗަކަށް ވާ ގޮތަށް ހުރި ފާރުގައި ގޮސް ޖެހޭ ތަނެވެ. އޭރު އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް އެ ފާރާ އަރާ ހަމަވަނީ އެވެ. އަދި ފާރާއި ޕިކަޕުގެ ދޭތެރޭގައި އަންހެން މީހާ ތާށިވެފައިވާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

އެ އެކްސިޑެންޓް ހިނގުމާ އެކު ޑްރައިވަރު ވެސް ޕިކަޕުން ފައިބައި އަންހެން މީހާ ކައިރިއަށް ދުވަމުން ކަހަލަ ގޮތަކަށްދާ ތަން ފެނެ އެވެ. އޭރު އެ ސަރަހައްދުގައި ތިބި އެހެން މީހުން ވެސް އަންހެން މީހާއަށް އެހީވާ މަންޒަރު ފެނެ އެވެ.

އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑީއާތަކުގައި ބުނެފައި ވަނީ އެ އެކްސިޑެންޓް ހިނގީ ޕިކަޕުގެ ބުރަކި ފެއިލްވެގެން ކަމަށެވެ.

އެ އެކްސިޓެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭހުރި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ 47 އަހަރުގެ ދިވެހި އަންހެން މީހާއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.