ސިއްހީ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދެއްވާކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ރީޖަނަލް ހޮސްޕިޓަލުތަކުގެ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް މަތީ ފެންވަރުގެ ސިއްސީ ސިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ ދަތިތަކާއި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ކައުންސިލުން ވަނީ ނައިބް ރައީސާއެކު މަސްވަރާ ކުރައްވާފަ އެވެ.

އެގޮތުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ކުޅުދުއްފުށިސިޓީއަށް ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިޔަށްގެންދިއުމާ ގުޅޭ ގޮތުންނާއި ސިޓީގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމުކަންތައްތައް ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފަރާތުން ވަނީ އެ ސްކޫލްތަކުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް އުމްރާނީ މަސްރޫޢުތައް ފެށުން ލަސްވެގެންދިއުމާއި ކުރިޔަށްދާ ބައެއް މަޝްރޫއުތަކާ ގުޅިގެން ސްކޫލްތަކުން ހުރި ކަންބޮޑުވުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ފަރާތުން ނައިބް ރައީސާ ވަނީ ހިއްސާކުރައްވާފައިވެ އެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުން ވަނީ މުހިންމު މަގާމުތަކަށް ބޭނުންވާ މީހުން ހޯދުމުގައި ދިމާވާ ދަތިތައްވެސް ނައިބް ރައީސާ ހިއްސާކުރައްވާފަ އެވެ.