މަދީނާ (21 ނޮވެމްބަރު) - ހުއްދައާއި އެޕޮއިންޓްމަންޓާ ނުލާ އާއްމުންނަށް ވަދެވޭ ގޮތަށް މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް ނަބަވީ އެއްކޮށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އޮފިޝަލަކު ވިދާޅުވީ ދެން މަސްޖިދުލް ނަބަވީއަށް ވަންނަން ހުއްދަ ނަގަން ނުޖެހުނު ނަމަވެސް ތަވައްކަލްނާ އެޕްލިކޭޝަން މެދުވެރިކޮށް ދެ ޑޯޒު ވެކްސިން ޖަހާފައިވާކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ކޮވިޑް- 19ގެ ޕެންޑަމިކް ފެށުނު ފަހުން ފުރަތަމަ ފަހަރަށް މިދިޔަ މަހު ވަނީ މަސްޖިދުލް ހަރަމް އެއްކޮށް ހުޅުވާލައި ކޮނޑާ ކޮނޑު ޖައްސައި ނަމާދު ކޮށްފަ އެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ސައޫދީ އަރަބިއާގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ދެހަރަމްފުޅުގައި އަޅާފައިވާ ކޮވިޑް 19ގެ ފިޔަވަޅުތައް ލުއިކުރަން ހުއްދަ ދިނުމުންނެވެ.

އޭގެ އިތުރުން އެ ގައުމުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބޭރު ގައުމުތަކުގައި އުޅޭ މުސްލިމުންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް ކުރިމަތިލާން އިއުލާން ކޮށްފަ އެވެ. – އަލް އަރަބިއްޔާ