އިތިއޯޕިއާގެ ދާޚިލީ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޓައިގަރުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ އިސް ސަފުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަބީ އަހްމަދު ވިދާޅުވެއްޖެ އެވެ.
ޓުވިޓާގައި އާއްމުކުރެއްވި ބަޔާނެއްގައި އަބީ އަހްމަދު ވިދާޅުވީ މާދަމާއިން ފެށިގެން ހަނގުރާމައިގެ އެންމެ އިސް ސަފުގައި އެހެން އަސްކަރީންނާއެކު ބައިވެރިވާން ފަށާނެ ކަމަށެވެ.
"އިތިއޯޕިއާގެ ތާރީޚުން ޖާގަ ހޯދަން ބޭނުންވާ އިތިއޯޕިއާގެ އެންމެހާ ރައްޔިތުން އަވަހަށް ކުރިއަށް ޖެހޭ. އިސް ސަފުން ބައްދަލުވާނެ،" އަބީ އަހްމަދު ވިދާޅުވެފައިވެ އެވެ.
އަބީ އަހްމަދު މިހެން ވިދާޅުވެފައި މިވަނީ އިތިއޯޕިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޓައިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް)އިން އެގައުމުގެ ވެރިރަށް ހިފުމަށް އަމާޒުކޮށް އަދިސް އަބާބާއަށް މިސްރާބު ޖަހާފައި ވަނިކޮށެވެ.
ވެރިކަން ކުރާ ޕްރޮސްޕަރިޓީ ޕާޓީގެ އެގްޒިކެޓިވް ކޮމެޓީއިން ބޭއްވި ބައްދަލުވުމަކަށްފަހު ޑިފެންސް މިނިސްޓަރު އަބްރަހަމް ބެލޭ ވަނީ ޓައިގަރުންނާ ހަނގުރާމަކުރުމަށް އަސްކަރިއްޔާއިން އާ އުކުޅުތަކެއް ބޭނުން ކުރަން ފަށާނެ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.
ޓީޕީއެލްއެފްގެ ހިސާރުކުރުމުގެ ހަރަކާތްތައް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، އެ ޖަމާއަތުން ވަނީ ވެރިރަށް އެޑިސް އަބާބާގެ އިރު އުތުރުން 220 ކިލޯމީޓަރާ ހިސާބަށް ގާތްވެފަ އެވެ.
ވެރިރަށް ހިސާރު ކުރުމުގެ ނުރައްކަލާއެކު އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު ވީހާވެސް ގިނަ ބަޔަކު އަސްކަރިއްޔާއާ ގުޅުމަށް މީގެ ކުރިން އިތިއޯޕިއާގެ ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ހަނގުރާމައިގެ އެންމެ އިސް ސަފުގައި ބައިވެރިވާނެ ކަމަށް އަބީ އަހްމަދު ބުނެފައިވާއިރު އޭނާއަކީ 2019 ވަނަ އަހަރު ނޮބެލް ސުލްހައިގެ އެވޯޑް ހޯދާފައިވާ ބޭފުޅެކެވެ.