ޖޫރިމަނާ ކޮށްގެން އާމްދަނީގެ ގޮތުގައި 191 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި އެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 43.9 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ޖޫރިމަނާއިން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރަށް 147.1 މިލިއަން ރުފިޔާ ދައުލަތަށް މިވަނީ ލިބިފަ އެވެ. ފާއިތުވި 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 126 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި ނިމުނު އަހަރަށްވުރެ އިތުރަށް 64 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައިވަނީ ހޯދާފަ އެވެ.

2021 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. މިގޮތުން ހަމަ އެކަނި ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައިވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގާނޫނާއި ހިލާފުވެގެން 14 މިލިއަން އުފިޔާ، ގަވާއިދާ ހިލާފުވެގެން 10 މިލިއަން ރުފިޔާ، އެއްބަސްވުމާއި ހިލާފުވެގެން 1.9 މިލިއަން ރުފިޔާ، މުވައްޒަފުންގެ ގަޑީގެ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 1 ލައްކަ ރުފިޔާ، އަދި އެހެނިހެން ޖޫރިމަނާގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ޖޫރިމަނާކޮށްގެން ދައުލަތަށް ގިނަ އާމްދަނީ ހޯދާތީ ގިނަ ބަޔަކުދަނީ ސަރުކާރަށް ފާޑު ކިޔަމުން ނެވެ.