ތ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއަކީ ރިޔާސީ ވައުދެއް ކަމަށާއި އެމަސައްކަތް ކުރިޔަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ހިރިލަންދޫ ކައުންސިލު މެމްބަރުނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް މުހައްމަދު ޖަލާލު ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.

ހިރިލަންދޫގެ ކައުންސިލުގެ ރައީސް ވަނީ ރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ރަށުގެ ކައުންސިލުގެ ރައީސް، ރައީސާ މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ގިނަ ޒަމާންތަކެއްވަންދެން ނުކުރެވި ހުރި ތަރައްގީގެ ބައެއް ކަންކަން މި ސަރުކާރުން ކުރެވޭނެ ގޮތަށް ފަހިކޮށްދެއްވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވި އެވެ. އެގޮތުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރަށުގެ ބިންހިއްކުމުގެ މަޝްރޫއަކީ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ އެ ރަށުގެ ތަރައްޤީއަށް ކައުންސިލުން ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި އެކަންކަމާ ގުޅޭ ފަހުގެ މައޫލޫމާތުތައް ހިއްސާކުރައްވާފަ އެވެ.