ރޭގަނޑުގެ ކެއުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ފަރުވާކުޑަ ކުރެވޭ ކެއުމެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެވޭއިރު ހުންނަނީ ރޭގަނޑުގެ ދަންބަޔަށް އަޅާފަ އެވެ. ނަމަވެސް މިއީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ނޫންކަން އެނގެނީ ރޭގަނޑުގެ ނާސްތާ އަވަހަށް ކުރުމުން ލިބޭ ފައިދާތަކަށް ބަލާލީމަ އެވެ.

ހަޖަމުކުރުން ރަނގަޅު ކޮށްދޭ

ނިދުމުގެ ދެތިން ގަޑިއިރު ކުރިން ރޭގަނޑު ކާ ނަމަ ކާނާ ހަޖަމުކުރަން ފަސޭހަވާނެ އެވެ. ކާލައިގެން ވަގުތުން އޮށޯން ނަމަ ކާނާ ހަޖަމުކުރަން ހުރަސްޅި ބަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބަނޑު ފުފުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ހިތުގެ މައްސަލަތަކުން ދުރުކޮށް ދޭ

ރޭގަނޑުގެ ކެއުން ފަސްކުރާ ނަމަ ކާނާއިން ހަށިގަނޑަށް ޖަމާވާ ކެލަރީ އަންދަން ހުރަސް އަޅާނެ އެވެ. ނަތީޖާއަކަށްވާނީ ކެލަރީޒްގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެ، ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރެއަށް ވެއްޓުމެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމާ ނިދުމާ ގާތްކޮށްފައި ކެއުން ހުއްޓާލައި، އަބަދު ވެސް ރޭގަނޑުގެ ކެއުން އެއް ގަޑިއަކަށް ތާވަލުކޮށް އެކަމަށް ހޭނުމަކީ ވެސް ހިތުގެ ގިނަ މައްސަލަތަކުން ރައްކާތެރިކަން ހޯދޭނެ ކަމެކެވެ.

ބަރުދަން ލުއިވާން އެހީވެދޭ

ކޭބަނޑާ އެކު ރޭގަނޑު ނިދަން އާދަކޮށްފި ނަމަ ދިމާވާނެ އެންމެ އާންމު މައްސަލައަކަށް ވާނީ ފަލަވުމެވެ. އެހެންވެ ބަރުދަން ލުއިކޮށް، ހަށިގަނޑުގެ ބައްޓަން ރީތިކޮށް ދަމަހައްޓަން ބޭނުންވާ ނަމަ ކުރަން ޖެހޭ ކަމަކީ ލަސްކޮށްފައި ކެއުން ހުއްޓާލައި، ނިދުމާ ވެސް ވީހާ ދުރުވާ ގޮތަށް ރޭގަނޑުގެ ކެއުން އިންތިޒާމުކުރުމެވެ.

ނިދަން ފަސޭހަވޭ

ރޭގަނޑު ކާ ގޮތަށް ނިދަން އަރައިފި ނަމަ ނިދަން ވަރަށް އުނދަގޫ ވާނެ އެވެ. މީހާ މާ ބޮޑަށް ބަރުހެލިވެ، ކެއި އެއްޗެހި ރަނގަޅަށް ހަޖަމުނުވެ ހުރުމުން އުޅެން ޖެހޭނީ ބަނޑުގެ އުނދަގޫތަކުގަ އެވެ. އެހެންވެ އެންމެ ރައްތާތެރި ގޮތަކީ ތަކުރާރުކޮށް ފާހަގަކޮށްފައިވާ ގޮތަށް ނިދުމާ ވީހާ ދުރުވާ ގޮތަށް، ރޭގަނޑުގެ ކެއުން އަވަސްކުރުމެވެ.

ހަކުރުބަލިން ދުރުކޮށްދޭ

ރޭގަނޑު ކާ ގަޑި އަވަސްކުރުމާ އެކު އަބަދުވެސް ކާން ކަނޑައަޅާފައި އޮންނަ ގަޑީގައި ކާ ނަމަ މީހާ ޑިސިޕްލިންކޮށް ދޭނެ އެވެ. ތަރުތީބަކުން މިކަން ކުރާ ނަމަ ކާނާ އަދި ނިދުމާ ދޭތެރޭ ވީހާ ވެސް ދުރުވާ ގޮތަށް ރޭގަނޑުހެ ކެއުން ނެގޭ ނަމަ ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް ކުޑަކޮށް ދޭނެ އެވެ.