ޒަމާނުއްސުރެ މާމުޔަކީ އޭގައި ހިމެނޭ ގިނަ ފައިދާތަކާ ގުޅިގެން މަޝްހޫރު އެއްޗެކެވެ. އޭގައި އެކުލެވޭ އެންޓިއޮކްސިޑަންޓް އާއި އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީޒްތަކުގެ ސަބަބުން މާމުއިގެ ފައިދާ މި ޒަމާނުގެ ބޭސްވެރިކަމުގައި ވެސް ނުހަނު ބޮޑެވެ.
ކެއްސުމަށާއި ކަރުތެރެ ހިރުވުމާއި އަނގައިގެ ފާރަށާއި ގޮހޮރުގެ ނިޒާމުގެ މައްސަލަތަކުގެ އިތުރުން އަނގައިގެ ކެންސަރާއި ހިތުގެ ބަލިތަކަށް ވެސް މާމުއިން ފައިދާކުރެ އެވެ.
ފާރުގަނޑު ފަސޭހަކުރަން އެންޓިސެޕްޓިކްއެއްގެ ގޮތުގައި ވެސް މާމުއި ބޭނުންކުރެ އެވެ. އަދި އެއީ ހަމުގެ ތަފާތު މައްސަލަތަކަށް ވެސް ހައްލެކެވެ. އުމުރުން ދުވަސް ވުމުން ހަންގަނޑަށް އަންނަ ބަދަލުތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރުން ފަދަ ނުވަތަ އޮށާޅަ ނެގުން ހުއްޓުވުން ފަދަ ކަންކަމަށް ވެސް މާމުއި އެހީއަކަށް ވެ އެވެ.
އިންޑިއާގެ ސައިންސްވެރިން ވަރަށް ފަހުން ހެދި ދިރާސާތަކަކުން ހާމަވި ގޮތުގައި އަނގައިގެ ކެންސަރުގެ ސަބަބުން އަނގަ ތެރޭގައި އަޅާ ފާރުތައް ފަސޭހަކުރަން މާމުޔަކީ ފަރުވާއެކެވެ.
ކެންސަރު ޖެހިފައިވާ ފާރުތައް އަވަހަށް ފަސޭހަވުމުގެ އިތުރުން ކެންސަރު އަލުން އެނބުރި އައުން ވެސް މާމުއިން ދުރުކޮށްދޭކަން ސައިންސްވެރިން ފާހަގަކުރެ އެވެ.
ދިރާސާ ހެދި ސައިންސްވެރިން ބުނާ ގޮތުގައި ކެންސަރު ޖެހިގެން އޮޕަރޭޝަންކުރާ ތަންތަން ވެސް މާމުއިން މާ އަވަހަށް ފަސޭހަކުރެވެ އެވެ. މި ފަރުވާއަށް ހާއްސަކޮށްގެން އިންޑިއާގެ ޑޮކްޓަރުން ވަނީ ތެރަޕިއުޓިކް ޕެޗެއް ތަރައްގީކޮށްފަ އެވެ. މިއީ ސިލްކް ފޮތީގައި މާމުއި ހާކައިގެން ތައްޔާރުކޮށްފައިވާ ޕެޗެކެވެ. ފާރުގަނޑުގައި މި ޕެޗް އެޅުމުން ވަރަށް އަވަހަށް ފަސޭހަވެ އެވެ.
ފާރުގަނޑު ފަސޭހަކުރަން މާމުޔަކީ ފާހަގަކޮށްލެވޭ ވަރުގެ މޮޅު ފަރުވާއަކަށް ވަނީ އޭގައި އެންޓި-ކެންސާ އަދި އެންޓިބެކްޓީރިއަލްގެ މާއްދާތައް އެކުލެވޭތީ އެވެ. އޭގެ ސަބަބުން ފާރުގަނޑުގައި ހުންނަ ކެންސަރު ސެލްތައް މަރުވެ ޖަރާސީމު އަށަގަތުމުން ދުރުކޮށްދެ އެވެ.