މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނީ މަސްވެރިންގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 10ވަނަ ދުވަހު އަނެއްކާ ވެސް އިހްތިޖާޖު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބޮޑު ކަންނެލި އިންޑަސްޓްރީގެ ކަންބޮޑުވުންތައް މިދިޔަ އަހަރު ދުވަހު ބީކޭއެމްޔޫއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، މިނިސްޓްރީއަށާއި، މަޖިލީހަށް އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައި ވީނަމަވެސް އެކަންކަމަށް އެދެވޭ ހައްލެއް އައިސްފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެންކަމުން ސަރުކާރަށް މިއަޑު އަނެއްކާ ވެސް އިއްވުމަށްޓަކައި އިހުތިޖާޖަށް ނުކުންނަނީ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި އިހްތިޖާޖު ފެށޭނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު މާލެ ސަރަހައްދުން ކަމަށާއި ކަންނެލި ދޯނިފަހަރުގައި މަސްވެރިން ތިބެގެން އަޑު އުފުލާނެ ކަމަށް ބީކޭއެމްޔޫއިން ބުނެ އެވެ.

"ދެމެހެއްޓެނިވި ކަންނެލި މަސްވެރިކަމާއި ދިވެހި މަސްވެރިންނާއި މަސްވެރިއާއިލާތަކުގެ ދިރިތިބުން ވަނީ ލާމެހިފައި. އެންމެހައި މަސްވެރިން މަސްވެރިންގެ ހައްގުތަށްކަށް އަޑުއުފުލުމަށް 10 ޑިސެމްބަރުގައި އެންމެހައި މަސްވެރިން ނިކުންނަވާ،" އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

ބީކޭއެމްޔޫގެ މެންބަރުގެ ގޮތުގައި 100 ކަންނެލި ދޯނި ހިމެނެ އެވެ. މިހާތަނަށް އޭގެތެރެއިން 75 ވަރަކަށް ދޯނި މި އިހްތިޖާޖުގައި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.