އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅިއެއް ހެރި މައްސަލަ ފެންމަތިވެއްޖެ އެވެ.

މައުލޫމާތުލިބޭގޮތުގައި ފިރިހެން މީހާގެ ބަނޑަށް ވަޅި ހަރާލީ އޭނާގެ އަންހެނުންނެވެ. އަދި ބަނޑަށް ފުންކޮށް ވަޅި ހަރާލުމާއި ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.

އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި ހޮސްޕިޓަލުގައި ފަރުވާހޯދަމުން ގެންދަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުކަމަށާއި، އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މާލޭގައި ދެމީހެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފިރިހެން މީހާއަށް ލިބިފަނީ ކޮން ޒަހަމްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އަށް ހަމަލާދިން އަންހެން މީހާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ އަންހެނެއް ކަމަށް އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.